އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ލިސްޓުގެ ވަރަށް ކުރިން ޖާގަ ހޯދާ ދެ ފަންނާނުންނެވެ. ދެމީހުން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކު ދެކެމުން އައި ހުވަފެނެކެވެ.

އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ޑައިރެކްޓަރު އަޔާން މުކަރްޖީ އެވެ. އަޔާންގެ ސުޕަހީރޯ ފިލްމު 'ބްރަހްމާޝްތުރާ' އިން އާލިއާ އާއި ރަންބީރު އެކުގައި ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިން މިހާރު ފަށައިފައި ވާއިރު، ބަލްގޭރިއާގައި ފިލްމުގެ ބޮޑު ބައެއް މިހާރު ވަނީ ޝޫޓުކޮށް ނިންމައިފައެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އިރު އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ ސެޓުގައި ރަންބީރު އާއި އާލިއާގެ ގުޅުން ރަނގަޅު ކަމެވެ. މިއީ ދެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރު ނަމަވެސް، ދެމީހުން ދުވަސްވީ އެކުވެރިންނަށް ވުރެ ގާތް ކަމަށް ވެއެވެ.

ދެމީހުންގެ ގާތް ކަމުގެ ވާހަކަ އެންމެ ފަހުން މިވަނީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ، އަދި އާލިއާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާގެ ކަންފަތަށް ވެސް ފޯރައިފައެވެ.

ޚަބަރުތައް ބުނާގޮތުން އާލިއާ އާއި ރަންބީރުގެ ގާތް ގުޅުމުގެ ސަބަބުން ކެޓްރީނާ ހުރީ އާލިއާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ކެޓްރީނާގެ ގާތް އެކުވެރިޔަކާ ހަވާލާދީ ޕިންކްވިލާ ނޫހުގައި ބުނެފައި ވަނީ 'ބްރަހްމާޝްތުރަ'ގެ މުޅި ކާސްޓް އަދި ކްރޫ ވެސް އާލިއާ އާއި ރަންބީރުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާ ކަމަށެވެ.

އަދި ކެޓްރީނާއަށް އެ ޚަބަރު ލިބުނީ 'ބްރަހްމަޝްތުރަ' ފިލްމުގައި މަސައްކަތް ކުރަމުން އަންނަ އެކުވެރިއެއްގެ ފަރާތުން ކަމަށާއި، ކެޓްރީނާ ބޮޑަށް ހިތްހަމަ ނުޖެހުނީ ދެމީހުންގެ ގުޅުމުގެ ވާހަކަ އާލިއާ އަމިއްލައަށް ކެޓްރީނާ ގާތު ނުބުނުމުން ކަމަށެވެ.

ރަންބީރު އަދި އަޔާން އާއެކު އާލިއާ އިންސްޓަގްރާމް ކުރި ފޮޓޯ އާއެކު އާލިއާ އާއި ކެޓްރީނާގެ ގުޅުމުގައި މިހާރު ރެނދުލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެމީހުންގެ ގުޅުން ހީނަރުވެފައިވާ ޚަބަރުތައް ފެންމަތިވެފައި ވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އާލިއާ ވަނީ ކެޓްރީނާ އާއި ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން އާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.