29 Mar 2018, 19:43
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ ސަޕޯޓިން ޕާޓްނަރަކަށް ޝީޝިއާ ރެސްޓޯރެންޓް ހަމަޖައްސައިފިއެވެ.
ވިލި މުއައްސަސާ ކަޕް ފުޓްސަލް މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކަށް ޝީޝިއާ ހަމަޖެއްސުމަށްޓަކައި ވިލިމާލޭ ފެރީ ޔުނިޓް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ޝީޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ރެސްޓޯރެންޓްގެ ވެރިޔާ އުބައިދުﷲ ޔޫސުފް (އުބާ)އެވެ. އަދި ވިލި މުއައްސަސާ ކަޕްގެ ފަރާތުން ސޮއިކުރެއްވީ ނަރީމާ އަބްދުލްޤަނީއެވެ.
ވިލި މުއައްސަސާ ކަޕްގެ ފަރާތުން ނަރީމާ ވިދާޅުވީ ސަޕޯޓިން ޕާޓްނަރަކަށް ހަމަޖެހުނު ޝީޝިއާއަކީ ވިލިމާލެ ފެރީ ޔުނިޓާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމަށެވެ. އަދި ޕާޓްނަރެއްގެ ގޮތުގައި ވިލިމާލޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ރެސްޓޯރެންޓް ހަމަޖެހުމުން ވަރަށް އުފާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.