27 Aug 2011, 15:46
އެސްޓީއޯ އިން ރޯދަޔަށް ހާއްސަ ކޮށްގެން ގެނައި ފިޔައާއި ބިސް އަދި އަލުވީގެ ސްޓޮކް ހުސްނުވުމުން އެތަކެތި 50ރ. ގެ ރޭޓުން ވިއްކަން ފެށި އިރު އެސްޓީއޯ އިން ރޭވެސް ގިނަ އަދަދެއްގެ ފިޔާ ކުނި ގޮނޑަށް އުކާލައިފި އެވެ.
ސަންގެ ނޫސްވެރިން ކުނި ގޮނޑަށް ރޭ ދިޔަ އިރު ބޮޑަތި ކުނި ލޮރީގެ ދެ ލޮރީގެ ފިޔާ އެސްޓީއޯ އިން ގޮނޑަށް އުކާލި އެވެ. އެ ފިޔާތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، ދިޔަނިކުމެފަ އެވެ.
އެސްޓީއޯ ޖެނެރަލް މެނޭޖާ މާޗެންޑައިޒް އާދަމް އާޒިމް މިއަދު ވިދާޅުވީ އެ ކުންފުނިން މި ރޯދަ މަހަށް ގެނައި ފިޔާގެ ތެރެއިން އުކާލީ "ނިސްބަތުން މަދު އަދަދެއްގެ" ފިޔާ ކަމަށެވެ.
"ޕެރިޝެބުލް އެއްޗިހި ވީމާ މިކޮޅަށް ގެންނަ އިރު ވެސް ހަލާކުވެފައި ހުންނަނީ. ނިސްބަތުން މަދު އަދަދެއް މި ހަލާކުވީ. އެހެން ދަންނަވަން ވަރަށް ދަތި ކިހާވަރެއްކަން،" އާޒިމް ވިދާޅުވި އެވެ.
ރޭ ވެސް އެސްޓީއޯ އިން ބޮޑެތި ކުނި ލޮރީގެ ދެ ލޮރީގެ ފިޔާ ކުނިގޮނޑަށް އުކާލި އިރު މީގެ ކުރިން ވެސް އެސްޓީއޯ އިން ވަނީ ފިޔާ ލޮރީތަކެއް އުކާލައިފަ އެވެ. އޭރު އެސްޓީއޯ އިން ބުނީ އެކުންފުނިން ގެނައި ފިޔާގެ 90 ޕަސެންޓް ހަލާކުނުވެ ވިއްކޭނެ ކަމަށެވެ.
އެސްޓީއޯ އިން ފިޔާ ކުނި ގޮނޑަށް އުކާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނިން އަންނަނީ ފިޔާ އާއި އަލުވި ބަސްތާއެއް އަދި ބިސް ކޭހެއް 50ރ. ގެ ރޭޓުން އަށް ވިއްކަމުންނެވެ. އާޒިމް ވިދާޅުވީ އެތަކެތި ހެޔޮއަގުގައި ވިއްކަން ފެށީ ރޯދަ މަސް ނިމެން ގާތްވެފައިވާ އިރު ވެސް ފުދޭވަރަކަށް ސްޓޮކް ހުރެ އެތަކެތި ހަލާކުވަމުންދާތީ ކަމަށެވެ.
"އެހެން ބޭފުޅުން ވެސް މި ތަކެތި އެތެރެކުރެއްވި. އެބޭފުޅުން ވެސް ވަރަށް އަގު ތިރިކޮށް މި ވިއްކެވީ. އެހެންވީމާ އަޅުގަނޑުމެންގެ އަތުގައި ރަނގަޅު ސްޓޮކެއް އެބައުޅޭ. ޕެރިޝެބުލް އެއްޗިހި ވީމާ އެ ހުރެގެން ހަލާކުވަނީ. އެއަށް ވުރެ މާރަނގަޅު ދެއްތޯ ބޭނުންކުރެވޭ ގޮތެއް ވިއްޔާ،" އާޒިމް ވިދާޅުވި އެވެ.
އާންމު ބާޒާރަށް ވުރެ ހެޔޮ އަގުގައި އެސްޓީއޯ އިން އެތަކެތި ވިއްކަން ފެށުމުން ގިނަ ބަޔަކު އަންނަނީ އެތަކެތި ހޯދުމަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގައި ކިޔުޖައްސަމުންނެވެ.
މީގެ ކުރިން އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކީ 250ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ވިއްކި އިރު ބިސްކޭހެއް ވިއްކީ 320ރ. އަށެވެ.