29 Mar 2018, 16:24
އެތުލެޓިކޯ މެޑްރިޑުން އެޓީމުގެ ފްރާންސް ފޯވަޑް، އެންޓޮއިން ގްރީޒްމަންގެ ރިލީސް ފީ ބޮޑުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ "މުންޑޯ ޑީޕޮޓީވޯ" އިން ބުނެފިއެވެ.
ސްޕެއިންގެ މީޑިއާތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ގްރީޒްމަން ބާސެލޯނާއަށް ބަދަލުވާނެއެވެ. އަދި އޭނާގެ ރިލީސް ފީ ބޮޑުކުރަން އެތުލެޓިކޯއިން މަސައްކަތް ކުރަމުންދަނީ ބޮޑު އަގެއްގައި ވިއްކާލުމަށެވެ.
އެތުލެޓިކޯ މެޑްރިޑާއި ގްރީޒްމަންއާ ދެމެދު މިހާރު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 2022 ވަނަ އަހަރުގެ ނިޔަލަށް ހަމަވާ އިރު، އޭގައި ހިމަނާފައިވާ ރިލީސް ފީއަކީ 87.5 މިލިއަން ޕައުންޑެވެ. ސްޕެއިންގެ ނޫސް "މުންޑޯ ޑިޕޯޓީވޯ"އިން ބުނެފައިވަނީ އެތުލެޓިކޯ މެޑްރިޑުން ބޭނުންވަނީ ޓްރާންސްފާގެ ކުރިން ގްރީޒްމަންގެ ރިލީސް ފީ 175 މިލިއަން ޕައުންޑަށް އިތުރު ކުރުމަށެވެ. ގްރީޒްމަންގެ ކޮންޓްރެކްޓްގައި ވާގޮތުން އޭނާގެ ޓްރާންސްފާއަށް އެތުލެޓިކޯއަށް ލިބޭ ފީގެ 20 ޕަސެންޓް އޭނާގެ ކުރީގެ ކްލަބު ރެއާލް ސޮސިއެދާދަށް ދޭން ޖެހޭނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިހާރުގެ ރިލީސް ފީގައިވެސް ގްރީޒްމަން ބާސާއަށް ދިޔުން ގާތެވެ. މިހާރު އެތުލެޓިކޯއިން ގްރީޒަމަންއަށް ދެމުންދާ މުސާރައަކީ ހަފްތާއަކު 193،000 ޕައުންޑްގެ މުސާރައެކެވެ. ބާސާއިން އެ މުސާރަ ނުދޭނެ ކަމަށް މީޑިއާތައް ބުނެއެވެ. މުސާރަ ކުޑަކޮށް ނަމަވެސް ގްރީޒްމަން ބާސާއަށް ދާނެ ކަމަށް ބައެއް މީޑިއާތަކުން ބުނާ އިރު، ލަފާކުރެވޭ ގޮތުގައި އޭނާގެ ކޮންޓްރެކްޓް އާކުރާނެއެވެ.
މި ސީޒަންގައިވެސް ކުޅުނު 38 މެޗުން 23 ގޯލް ޖަހައިދީފައިވާ ގްރީޒްމަންއަކީ ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ބާސާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްވެސް ހިމެނެއެވެ.