29 Mar 2018, 16:07
މުދާ އުފުލުމާ ބެހޭގޮތުން ޓްރާންސްޕޯޓު އޮޓޯރިޓީން އެކުލަވާލި ގަވައިދާ ބެހޭގޮތުން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއެކު އިއްޔެއާއި މިއަދު ބައްދަލުކުރައްވައި، ގަވައިދާ ބެހޭގޮތުން އެފަރާތްތަކާ މަޝްވަރާކުރައްވައިފައެވެ. މިނިސްޓަރު "ސަން"އަށް މިއަދު ވިދާޅުވީ ގަވައިދުގައި ވާ ކަންކަން ވިޔަފާރިވެރިންނަށް ކިޔައިދީ، ސާފުކޮށްދީފައިވާ ކަމަށެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު ދިހަޔަކުން ހެނދުނު ހަޔަކަށް ކަމަށެވެ.
އަދި ކައްކާ ގޭސް އުފުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު އަށަކުން ހެނދުނު ހަޔަކަށެވެ.
މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ތިން، ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރި ވަރަށްބޮޑް ކުރިއަރާފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ބަދަުތަކެއް ގެނައުން މުހިއްމުކަމަށް ސައީދު ވިދާޅުވިއެވެ.
"މިހާރު މުދާ ސަޕްލައިކުރާ މިންވަރު މިވަނީ އިތުރުވެފައި، ލޮޖިސްޓިކް ކަންކަވެސް މިވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުރިއަރާފައި. ވިޔަފާރިވެރިންވެސް ގަބޫލުކުރޭ ރާއްޖޭގެ ވިޔަފާރިއަށް މިހާރު އައިސްފައި މިވާ ކުރިއެރުން،" ސައީދު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކުރަން ނިންމާފައިވާ ބަދަލަކީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންގެ ރައްކާތެރިކަމަށާއި ލުއި ފަސޭހަ ކަމަށް ބެލުމަށްފަހު ގެންނަން ނިންމާފައިވާ ބަދަލެއް ކަމަށް ސައީދު ވިދާޅުވިއެވެ.