މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލި މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބު، ތަޖުރިބާ ހޯދުމަށް ކުރާ ފުރަތަމަ ދަތުރު ފަށައިފި އެވެ.

ޑެފް ފުޓްބޯޅަ ކްލަބަށް ތަޖުރިބާ ހޯދުމުގެ ގޮތުން މިއަދު ވަނީ ޅ. އަތޮޅަށް ގޮސްފަ އެވެ. އެ ދަތުރުގެ ތެރެއިން ތަޖުރިބާ ހޯދުމަށް ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ޑެފް ފުޓްބޯޅަ ކްލަބު ފެލިވަރަށް ދިއުމާއެކު، އެ ރަށުން އެޓީމަށް މަރުހަބާ ކިޔާފައި ވަނީ މިފްކޯގެ މުވައްޒަފުންނެވެ. މެޗުގެ ކުރިން ފެލިވަރުގައި އެ ކްލަބުގެ ކުޅުންތެރިންނާ އެކު ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެ އެވެ.

މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބު، ޅ. ފެލިވަރުގައި ---

އަޑުއިވުމުން މަހުރޫމުވެފައިވާ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެކުލަވާލި މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބު ކުޅޭ ފުރަތަމަ މެޗު ކުރިއަށްދާނީ މާދަމާ މެންދުރު ފަހު ހިންނަވަރު ފުޓްބޯޅަ ދަނޑުގަ އެވެ. އެ މެޗުގައި ޑެފް ފުޓްބޯޅަ ކްލަބު ނުކުންނާނީ ހިންނަވަރުން ހޮވާލެވޭ ޓީމަކާ ދެކޮޅަށެވެ.

މޯލްޑިވްސް ޑެފް ފުޓްބޯލް ކްލަބަށް ރާއްޖޭގެ ޓީމުތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ޓީމުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މެޗުތައް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ވެސް ސްޕޯޓްސް ކޯޕަރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.