27 Aug 2011, 15:14
ނިމިގެންދިޔަ ހޯމަ ދުވަހު 'ކެމަރޫން ޓްރައިބިއުން' ގައިވާ ހެޑްލައިނަކަށް ނަޒަރު ހިންގާލި އިރު ބޮޑު ޚައިރާންކަމެއް ގެނައެވެ. މި ހެޑްލައިންގައި ވަނީ "އެޓޫގެ އެއްބަސްވުން ނިމުމަކަށް އަތުވެއްޖެ" ކަމަށެވެ. ހަބަރު ނުކިޔާ ގިނަ ބައެއްގެ ޚިޔާލަށް ވެރިވާނީ ފުޓުބޯޅަ ތަރިއަކަށް ފައިސާއިން ވެސް ހުވަފެނެއް ހަގީގަތަކަށް ވެގެން ހިނގައިދާނެ ބާއެވެ. ރަޝިޔާގެ އަންޒީއާ އެކު ސޮއިކުރުމުން އެޓޫ ވެގެންދާނީ އެންމެ ބޮޑު އާމްދަނީ އެއް ލިބިގެން ދާނެ ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ.
އެ ހަބަރު ރަނގަޅަށް ކިޔައިލުމުން އެ ދުވަހު ލިޔެވިފައިވާ އާޓިކަލަކީ ސެމުއެލް އެޓޫގެ ވާހަކަ ނޫންކަން އެނގިގެން ދިޔައެވެ. އެ ހަބަރުގައިވަނީ އޭނާގެ ކޮއްކޮ އެތީން އެޓޫ އޮސްޓްރިއަން ދެ ވަނަ ޑިވިޜަންގެ އެފްސީ ލަސްޓެނޯ އަށް ސޮއިކުރި ވާހަކަ އެވެ. ކުރިން މި ހަބަރު ނުކިޔާ އުފެދުނު ޚިޔާލު ހަގީގަތަކަށް ވެފައިނުވި ނަމަވެސް އެޚިޔާލު ހަގީގަތަކަށް ވެގެންދިއުން މިހާރު ވަރަށް ގާތެވެ. އެ ހަބަރު ޝާއިޢު ވެގެންދިޔަތާ އެއް ދުވަސް ފަހުން ސަމުއެލް އެޓޫ ވަނީ ރަޝިޔާ ކުލަބު އަންޒީއާއެކު މެޑިކަލުގައި ބައިވެރިވެފަ އެވެ.
އިންޓަމިލާނުގެ އެޓޫ ވަނީ ގިނަ ދުވަސްތަކަކަށް ފަހު މީޑުޔާއާއި ދުރުގައި ހުރުމަށް ފަހު ކެމަރޫންގެ މީޑީޔާއަށް ތަޢާރަފްވެފަ އެވެ. ކެމަރޫންގެ ނިއުސް ކޮންފަރެންސްގައި އެޓޫ އެންމެފަހުން ބައިވެރިވި ފަހަރުވެސް ނިމިގެން ގޮސްފައިވަނީ މާ ރަނގަޅަކަށް ނޫނެވެ. އެންމެ ފަހުން ކެމަރޫންގައި ބޭއްވި ނޫސް ކޮންފަރެންސް ގައި އެޓޫ ވަނީ ނޫސްވެރިއަކަށް ހަމަލާދީފައެވެ.
ކެމަރޫން ޓްރައިބިއުނަލް ގެ ނޫސްވެރިޔާ އަދި އެޓޫގެ ގާތް އެކެވެރިއެއްކަމަށްވާ އޮސްޓިން އެބާންގާ މައިކް ދިނުމަށްފަހު ނޫސް ކޮންފަރެން ފަށައިގަތެވެ. "އަހަރެން މިއައީ އެންމެ ސަބަބަކާ. އެއީ އަންޒީއަށް ބަދަލުވާ ވާހަކައިގެ އެންމެ ފަހުގެ ހަބަރުތަކާ ބެހޭ ވާހަކަ ހޯދުމަށް." އޮސްޓިން އެބާންގާ ބުންޏެވެ.
ސެމުއެލް އެޓޫ ނޫސް ކޮންފަރެންސްގައި ހަމަޖެހިގެން އިން ނަމަވެސް ނޫސްވެރިން ތިބީ ހިތްހަމަ ނުޖެހިފައި ކަން އޭނާއަށް ވެސް ފާހަގަ ވެގެން ގޮސްފައި ވެއެވެ.
"އަހަރެންނަށް އެނގޭ އެންމެ ފަހުން ބޭއްވުނު ނޫސް ކޮންފަރެންސް ވެސް ނިމިގެންދިޔައީ މާ ރަނގަޅަކަށް ނޫންކަން. މިފަހަރުގެ ނޫސް ކޮންފަރެންސްގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެން." އެޓޫ ބުންޏެވެ.
އަންޒީއަށް ސޮއިކުރުމުން އެޓޫ ވެގެން ދާނީ އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާއަށް ކަން އެނގޯތޯ އެހުމުން އެޓޫ ޖަވާބުގައި ބުނީ، "އަހަރެން އެކަމަކާ ނުވިސްނަން. އަހަރެންނަށް އިންޓަ މިލާނާއެކު މަޑުވެސް ކުރެވިދާނެ އަދި ދޫކޮށް ދެވިވެސް ދާނެ." ކަމަށެވެ.
މިހާ ހިސާބުން ނޫސްވެރިންގެ ފަރާތުން ގިނަ ސުވާލުތަކެއް އެޓޫއަށް އަމާޒުވެގެން ދިޔައެވެ. އިންޓަމިލާނާ އެއްވެސް މައްސަލައެއް ޖެހިފައިވޭތޯ ވެސް ނޫސްވެރިޔަކު ސުވާލު ކުރިއެވެ. މިސުވާލަށް ވެސް އެޓޫއަށް ދެވިފައި ވަނީ މާއެދެވޭ ޖަވާބެއް ނޫނެވެ.
"ބާސާގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ގައުމީ މައްސަލަތަކާއި ތަފާތުކުރުމުގެ މައްސަލަ. އެކަމާ ވެސް އަހަރެން ކުރިމަތިލާފައި ވާނީ ވަރަށް ތައްޔާރު ވެގެން." އެޓޫ ބުންޏެވެ. އެޓޫ އިންޓަމިލާނަށް ބަދަލުވެ ކުރީގެ ކުލަބުގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.
ނޫސް ކޮންފަރެންސް ނިމިގެން ދިޔައީ ނޫސްވެރިންނަށް ގިނަ ޖަވާބުތަކެއް ލިބުމުގެ ބަދަލުގައި ގިނަ ސުވާލުތަކެއް ހިތްތަކުގައި އުފައްދާފައެވެ. ފައިސާގެ ބޭނުމުގައި ވިޔަސް އެޓޫ ފަދަ މޮޅު ކުޅުންތެރިއެއް އަންޒީ ކަހަލަ ކުޑަ ޓީމަކަށް ބަދަލުވާން އުޅެނީ ކީތްވެގެންބާ؟ ވިހިހާސް ސަޕޯޓަރުންގެ ސްޓޭޑިއަމް އެއްގައި ކުޅުމަށް ހަގީގަތުގައި ވެސް އެޓޫ ބޭނުންވޭބާ؟ މިއީ ހައްތަހާ ވެސް ނޫސްވެރިންގެ ހިތްތަކުގައި އުފެދޭނެ ސުވާލުތަކެކެވެ.
ގިނަ ބަޔަކާ އެއްގޮތަކަށް އެޓޫވެސް ބޭނުންވަނީ ފައިސާއެވެ. ފައިސާއިން ހުވަފެންތައް ހަގީގަތަކަށް ބަދަލުކުރެވޭނެކަމަށް އެޓޫ ގަބޫލުކުރާކަން ކިތަންމެހާ ރަނގަޅަކަށް ވެސް ހާމަވެގެން ދިއުން އޮތީ މާދުރަކު ނޫނެވެ.
ކެމަރޫން ގައުމީ ޓީމުގެ ކެޕްޓަން ސަމުއެލް އެޓޫގެ ފުޓުބޯޅަ ހަޔާތް ފެށުނީ ކަދްޖީ ސްޕޯޓްސް އެކަޑަމީ ގައެވެ. ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާއާ އެކު ފަސް ސީޒަނު ހޭދަކުރި އެޓޫވަނީ 145 މެޗު ކުޅެ 108 ގޯލު ޖަހާފައެވެ. އެޓޫ ވެފައި ވަނީ ޖެހިޖެހިގެން ދެކުލަބުގައި ހުރެ ޗެމްޕިއަންސް ލީގުގެ ދެ ސީޒަނެއްގެ ތަށި ހިއްލާލި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެފްރިކާގެ ފުޓުބޯޅައިގެ ތާރީހުގައިވެސް އެޓޫއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެޓޫވަނީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހަތަރު އަހަރެއްގެ މަތިން ހޯދާފަ އެވެ.