ދިވެހީންނަކީ އަބަދު ވެސް ހައްޖު އަޅުކަމުގެ ތެރޭގައި ނަމޫނާ އަހުލާގެއް ދައްކާ ބައެއްކަން ފާހަގަކުރައްވައި ދިވެހި ހައްޖާޖީންނަށް ސައުދީ ހައްޖު މިނިސްޓްރީން ތައުރީފުކޮށްފި އެވެ.

ދިވެހި ހައްޖާޖީންނަށް ސައުދީ ހައްޖު މިނިސްޓްރީން ތައުރީފުކޮށްފައި މިވަނީ، މި އަހަރުގެ ހައްޖުގެ ކަންކަން ބެއްލެވުމަށް ޓަކައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ މިނިސްޓްރީގެ ނާއިބް ޑރ. އަބްދުލް ފައްތާހް ބިން ސަލްމާން މަޝާތުއާ އެކު ބޭއްވި ރަސްމީ ވާހަތަކުގެ ތެރެއިންނެވެ.

ސައުދީގައި ހުންނަ ހައްޖު މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވި އެ ވާހަތަކުގެ ތެރެއިން ހައްޖު މިނިސްޓްރީގެ ނާއިބް އިތުރަށް ވިދާޅުވީ، ދިވެހި ހައްޖާޖީން ދައްކަވަމުން ގެންދަވާ ނަމޫނާ އަހުލާގާމެދު އުފާފުޅު ކުރައްވައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ނަމޫނާ އެގޮތަށް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ވޭތުވެ ދިޔަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެ އިން ދިޔަ ހައްޖުވެރިންގެ ކަންތައްތައް އިންތިޒާމް ކުރައްވާފައިވާ ގޮތުގެ ފުރިހަމަ ކަމަށް ޓަކައި އަދި ދެއްވި އެއްބާރުލެއްވުމަށް ޓަކައި މިނިސްޓަރު ޒިޔާދަށާއި ހައްޖާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ހައްޖު މިނިސްޓްރީގެ ނާއިބް ޝުކުރު އަދާކުރެއްވި އެވެ.

އަދި ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ދިވެހީންނަށް ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.

ހައްޖު މިނިސްޓްރީއާ އެކު މިނިސްޓަރު ޒިޔާދު ބޭއްވި ބައްދަލުކުރެއްވުމުގައި ސައުދީގެ ކަމާބެހޭ އިދާރާތަކުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިންދާ ހައްޖުވެރިންގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒިޔާދު ވަނީ، ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ހައްޖާޖީންނަށް ހިދުމަތްތައް ފަހި ކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ކަމާ ގުޅުންހުރި އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކުގެ ފަރާތުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރައްވައިފަ އެވެ.