ގާހިރާ (މާޗް 29): މިސްރުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކުރި ހޯއްދަވައިފި އެވެ.

މިސްރުގެ ދައުލަތުގެ ނޫސް އަލް އަހުރަމްގައިވާ ގޮތުން އެގައުމުން މިހާތަނަށް ގުނާފައިވާ 25 މިލިއަން ވޯޓުގެ ތެރެއިން 92 ޕަސެންޓު ވޯޓު ކާމިޔާބު ކުރެއްވީ ސީސީ އެވެ.

އެއިންތިހާބުގައި ސީސީއާ ވާދަ ކުރެއްވީ އެންމެ ފަހު ވަގުތު ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގެންނެވި މޫސާ މުސްތަފާ މޫސާ އެވެ. މޫސާ ވަނީ އޭނާ ތާއިދު ކުރައްވަނީ ސީސީއަށް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ދެހާސްސާދަ ވަނަ އަހަރު ސީސީ ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިރު އޭނާއަށް ވޯޓު ދިން ފަރާތްތަކުގެ 97 ޕަސެންޓް ތާއީދު ލިބުނެވެ. ނަމަވެސް އެއިންތިހާބުގައި ވޯޓު ދިނީ މިސްރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުންނެވެ.

އެހެންކަމުން ސީސީގެ ސަރުކާރުން ވަނީ މިފަހަރު ވީހާ ވެސް ގިނަ މީހުން އިންތިހާބުގައި ބައިވެރިވުމަށް ގޮވާލާފައި އެވެ. އަދި އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުގައި ބައިވެރި ނުވާ މީހުން 500 އިޖިޕްޝަން ޕައުންޑްސް (28 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވޯޓުގައި ބައިވެރިކުރުމުގެ ގޮތުން ވަނީ ފައިސާ އާއި ކާނާ ދީފައި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް މީގެ ކުރިން ހަތް ފަރާތަކުން ބުނި ނަމަވެސް، ފަހުން އެފަރާތްތަކުން ވަނީ ރިޔާސީ ރޭހުން ވަކިވެފަ އެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ވަކީލު ޚާލިދު އަލީ އާއި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ހިމެނެ އެވެ.

އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ސަމީ އަނާން ވަނީ ޖެނުއަރީ މަހު ހައްޔަރުކޮށްފަ އެވެ. (ބީބީސީ)