މިދިޔަ ސީޒަން ނިމުނީއްސުރެ ޗެލްސީ އިން ހޯދުމަށް މަސައްކަތްކުރި ޓޮޓެންހަމްގެ ކްރޮއޭޝިޔާ ލޫކާ މޮޑްރިޗަށް ހުށަހެޅި 30 މިލިޔަން ޕައުންޑްގެ އަގު ގަބޫލުނުކޮށް ކުލަބުން ދޫކޮށްލި ނަމަވެސް އޭނާ ހުރީ އުފަލުގައިކަމަށް ޓޮޓެންހަމްގެ އައިވަރީ ކޯސްޓް ޑިފެންޑަރު އަސޫ އެކޯޓޯ ބުނެފި އެވެ.

މޮޑްރިޗަށް ޗެލްސީ އިން ކުރިން ހުށަހެޅި 22 މިލިޔަން ޕައުންޑް ޓޮޓެހަމް އިން ދޫކޮށްލުމުން ޗެލްސީއިން ވަނީ އަގު މަތިކޮށް 30 މިލިޔަން ޕައުންޑް ހުށަހަޅާފަ އެވެ. މިސީޒަނުގައި މޮޑްރިޗް ދޫނުކުރާނެކަމަށް ޓޮޓެންހަމް އިން ބުނުމުން ވެސް ޗެލްސީ އިން ދިޔައީ މޮޑްރިޗް ހޯދަން މަސައްކަތް ކުރަމުންނެވެ.

ޗެލްސީ އިން އެންމެ ފަހުން ހުށަހެޅި އަގު ގަބޫލުނުކޮށް ދޫކޮށްލުމުން ދެން އިތުރު ހުށަހެޅުމެއް ނުކިޔާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޗެލްސީ އަށް ގެނެސްފައިވާ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ގެނައުމުން ދެން މޮޑްރިޗްގެ ބޭނުން އެކުލަބުގައި މާބޮޑަށް ހިފޭނެކަމަށް ގަބޫލެއް ނުކުރެވު ނަމަވެސް ކްރޮއޭޝިޔާގެ ޕްލޭމޭކާ ހޯދަން ކުރާ މަސައްކަތް ހުއްޓާލާފައިވާ ކަމަކަށް ކޯޗް ވިލަސް ބޯއަސް ބުނެފައެއް ނުވެއެވެ.

މިސީޒަނުގައި ޗެލްސީއަށް ބަދަލުވުމުގެ ފޮނި އަޒުމުގައި ހުރި މޮޑްރިޗް އެކުލަބަށް ނުދެވުނަސް އޭނާ ހުރީ އުފަލުގައިކަމަށް ޓޮޓެންހަމް ޑިފެންޑަރު އަސޫ އެކޯޓޯ ކައިރީ ބުނެފައިވާކަން އޭނާގެ ވާހަކަތަކުން އެނގިގެން ދެއެވެ.

"މޮޑްރިޗް ކުލަބުގައި ހުރީ އުފަލުގައިތޯ އެހުމުން އޭނާ ބުނީ ޓޮޓެންހަމްގައި ހުރީ އުފަލުގައި ކަމާއި ޗެލްސީ އަށް ދެވޭ ނަމަ އިތުރަށް އުފާވާނެ،" މޮޑްރިޗާ ހަވާލާދީ އެކޯޓޯ ބުންޏެވެ. މޮޑްރިޗް ޓޮޓެމްހަމްއަށް ބަދަލުވީ ޔުކުރޭންގެ ޑައިނަމޯ ޒަގްރެބް އިން 2008 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް މޮޑްރިޗް ޓޮޓެންހަމް އަށް ބަދަލުވީ ޗެލްސީން އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް ފަހު ވަގުތު އެވެ.

މޮޑްރިޗް ވަނީ ޓޮޓެން ހަމަށް 91 މެޗުން ނުވަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.