29 Mar 2018, 14:37
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެލޭޝިއާގެ މެނޭޖްމަންޓް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އާ ގުޅިގެން ކުރިއަށް ގެންދާ ޕީއެޗްޑީ ޕްރޮގްރާމްގެ ދެވަނަ ބެޗު 13 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެޗްޑީ ކޯހަށް ހޮވިފައިވާ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.
ގައުމީ ޔުނިވާސިޓީން އެމްއެސްޔޫއާ ގުޅިގެން ޕީއެޗްޑީ ޕްރޮގްރާމް ފެށީ މިދިޔަ އަހަރު އެވެ. މިއީ ބިސްނަސްގެ ދާއިރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އެމްއެސްޔޫއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ދަރިވަރުން ސުޕަވައިޒް ކުރުމުގެ އިތުރުން އަދި އެހެނިހެން ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
މިދިޔަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމުގައި ވަނީ 12 ދަރިވަރުން ބައިވެރިވެފަ އެވެ.
ގައުމީ ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ކޯސްތައް ފެށީ 2013 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމަކީ އެމްއެންޔޫގެ އަމިއްލަ ކަރިކިއުލަމަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ނަމަވެސް މިއަދު ފެށި ޕްރޮގްރާމަކީ މެލޭޝިއާގެ އެމްއެސްޔޫގެ ކަރިކިއުލަމަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވީ މިއަދު ފެށި ޕީއެޗްޑީ ޕްރޮގްރާމުން ޔުނިވާސިޓީ އުފެއްދުމުގެ މަގުސަދު ހާސިލްވެފައިވާ ކަމަށެވެ.
"މިއަދު ހާމަވެގެން ހިނގައްޖެ ގައުމީ ޔުނިވާސިޓީ މިހާރު ކުރިއަށް އައިސްފައި އޮތް ހިސާބު. ޔުނިވާސިޓީގެ އުފެއްދުމުގެ މަގުސަދުގައި ވެސް ބުނެފައި އެބައޮތް އިލްމު ފެތުރުމާއި އިލްމު އުފެއްދުމާއި އަދި ގައުމަށް ބޭނުންވާ ތަފާތު ދާއިރާތަކަށް ބޭނުންވާ މުހިންމު 'ފެކްޓްސް'ތަކުގެ ހަގީގަތް ހޯދުމަށް ރިސާޗްކުރުން." ޝަފީއު ވިދާޅުވި އެވެ.