29 Mar 2018, 10:43
ކްލަބު ޓީސީއެލްއާއި، އެމްޕީއެލްއާއި، ކްލަބު އެޗްޑީސީ އަދި ޔުނައިޓެޑް ބީއެމްއެލްއިން ކްލަބު މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މާފަންނު މިނީ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅެފައިވަނީ ގްރޫޕް އޭ އަދި ގްރޫޕް ބީގެ ފަހު މެޗުތަކެވެ.
ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ސިވިލް ކޯޓު އަތުން ޓީސީއެލް މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޓީސީއެލްގެ އިބްރާހިމް ފުރުގާން (ފުގޭ) ތިން ލަނޑު ކާމިޔާބުކުރި އިރު، ހުސައިން ޝަރީފް (އޮންލީ) ދެ ލަނޑު ކާމިޔާބުކުރިއެވެ. ޓީސީއެލްގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ލިޔާހުއާއި މުހައްމަދު ޔަފާއުއެވެ.
މީޑިއާ ނެޓްއާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުން އެމްޕީއެލް މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޕީއެލްއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އަޔާޒް (އަޔާ) ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ސިނާނާއި ޝަހުދާން އަބްދުލް ރައްޒާގެވެ.
ދެވަނަ ބުރުގެ ޖާގަ ޓީސީއެލްއާއި އެމްޕީއެލް ހޯދީ 'ގްރޫޕް އޭ'ގެ އެންމެ ކުރި ހޯދައިގެންނެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދި ޓީސީއެލް އަދި ދެވަނަ ހޯދި އެމްޕީއެލްއަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ކުޅުނު ތިން މެޗުން މީޑިއާ ނެޓަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ސިވިލް ކޯޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ޔެސް ޓީވީ އަތުން ކްލަބު އެޗްޑީސީ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެޗްޑީސީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޔާމިން މުހައްމަދު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖާން އަހްމަދާއި އަކްރަމް އަބްދުލް ރަޝީދެވެ. ޔެސް ޓީވީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޔާމީނެވެ.
އިސްލާމިކް އެފެއާޒްއާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުން ޔުނައިޓެޑް ބީއެމްއެލް މޮޅުވީ 12-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބީއެމްއެލްއިން ޖެހި 12 ލަނޑުގެ ތެރެއިން އިޝާން އިބްރާހިމް (ސައްޓު) ފަސް ލަނޑު ކާމިޔާބުކޮށްދިން އިރު، މުހައްމަދު ނާސިދު އަހްމަދު ނަސީމް (ނާއްޓޭ) ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ މާހިދު މުހައްމަދާއި، އިބްރާހިމް ހަމްދާން (މެސީ)އާއި، އިސްމާއިލް ފަޒީލް އަދި އިބްރާހިމް އަސްވަދެވެ. އިސްލާމިކް އެފެއާޒްގެ އަންސަރު އިބްރާހިމް އަތުން ބައިކޮޅަށް ލަނޑެއް ވަން އިރު، އޭނާ ވަނީ އޭގެ ބަދަލުގައި އެޓީމަށް ލަނޑެއް ވެސް ކާމިޔާބުކޮށްދީފައެވެ.
'ގްރޫޕް ބީ'ގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގެ ގޮތުގައި އެޗްޑީސީން ދެވަނަ ބުރުގެ ޖާގައެއް ހޯދި އިރު، ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ބީއެމްއެލްއެވެ. އެޓީމަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ގްރޫޕްގެ ތިންވަނައިގައި އޮތް ޔެސް ޓީވީއަށް ތިން ޕޮއިންޓް ލިބުނު އިރު، ގްރޫޕްގެ ފުލުގައި އޮތް އިސްލާމިކް އެފެއާޒަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ޑީ، ގްރޫޕް އެފް އަދި ގްރޫޕް އެޗްގެ ފަހު މެޗުތަކެވެ.