29 Mar 2018, 10:13
ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ބެލެވުނު ފިލްމު، ‘ކޭދަރްނާތު’ ރިލީޒް ކުރުން ވަރަށް ބޮޑަށް ފަސްކޮށްފި އެވެ.
ސާރާ އަދި ސުޝާންތު ސިންގް ރާޖްޕުތު އާ އެކު އެ ފިލްމު އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ފިލްމު ރިލީޒް ކުރަން އޮތީ ހަމަޖެހިފަ އެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު އާއި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ އާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ފިލްމުގެ މަސައްކަތް ހުއްޓުނީ އެވެ. ފިލްމުގެ ޝޫޓިން އަލުން ފެށީ ވެސް ގިނަ ދުވަސްތަކަކަށް ފަހު އެވެ.
އެހެންކަމުން ޑިސެމްބަރަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ނުބެލެވޭތީ އަންނަ ޖެނުއަރީގައި ފިލްމު ރިލީޒް ކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ‘ކޭދަރްނާތު’ ދެން ރިލީޒް ކުރާނީ 2019 ޖެނުއަރީ މެދުތެރޭގަ އެވެ.
އެންމެން ވެސް އުންމީދުކޮށްގެން ތިބީ ‘ކޭދަރްނާތު’ ވެގެންދާނީ ސާރާ ބޮލީވުޑަށް ރައާރަފުވާނެ ފިލްމު ކަމަށެވެ. ނަމަވެސް ސާރާ އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ރޯހިތު ޝެޓީގެ ފިލްމު ‘ސިމްބާ’ އިން ރަންވީރު ސިންގ އާއެކު އެވެ.