27 Aug 2011, 14:51
ވެޓެރަންސް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާގެ މައްޗަށް ކުރި ހޯދައިގެން ނިއު އިން ސެމީފައިނަލުގެ ތިން ވަނަ ޖާގަ ކަށަވަރު ކޮށްފި އެވެ.
ދިހަ ކުޅުންތެރިންނާ އެކު ނިއުއިން ކުޅެމުންދިޔަ މެޗުގައި ޕެނަލްޓީއާ ހަމައަށް ދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ލަނޑުން ހަމަހަމަ ވެގެނެވެ.
މެޗްގެ 10 ވަނަ މިނެޓުގައި އިސްހާގު މުޙައްމަދު ލަނޑު ޖަހައި ނިއުއަށް ކުރި ހޯދައިދިން ނަމަވެސް މާޒިޔާއިން ވަނީ މެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗްގެ 33 ވަނަ މިނެޓްގައި މާޒިޔާއަށް ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް މެހްފޫޒު )އިންމަ( އެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެ ވަނަ ހާފުގައި ދެ ޓީމުގެ ކުޅުން ފޯރިގަދަވެ މެޗް ހޫނުވި އެވެ. ނަތީޖާއެއްގެ ގޮތުން މަހުދީ އަގީލު ރެފްރީއާއި ބޭއަދަބީ ބަސްތަކަކުން މުޢާމަލާތުކުރުމުން ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވައިލި އެވެ. މެޗްގެ 56 ވަނަ މިނެޓުން ފެށިގެން ނިއު އިން ކުޅެމުން ދިޔައީ 10 ކުޅުންތެރިނާއެކު އެވެ.
މާޒިޔާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ނާކާމިޔާބު ވީނަމަވެސް ނިއު އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބު ކުރިއެވެ. ޕެނަލްޓީ ޖަހައިގެން ނިއު އިން މެޗް ކާމިޔާބުކުރުމުން ނިއު އަށް ވަނީ ސެމީގެ ތިން ވަނަ ޖާގަ ކަށަވަރު ވެފަ އެވެ.
މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރި ހަމައެކަނި ޓީމަކީ ވެލެންސިޔާ އެވެ. މިއަދު ހަވީރު 16:35 ގައި ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި ބައްދަލު ކުރާ ނިއު ވިކަޓަރީގެ މެޗުން ވިކްޓަރީ ނުވަތަ ނިއުއަށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނެ އެވެ.