ދީނުގެ ނަމުގައި ސައޫދީ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ތެރެއިން ގިނަ ހުރަސްތަކާއި އުނދަގޫތަކަކީ އިސްލާމީ ޢަގީދާ އާ އަދި ކީރިތި ރަސޫލާ صلى الله عليه وعلى آله وسلم ގެ ސުންނަތާ ގުޅުންހުރި ކަންތައްތައް ނޫންކަމަށް ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ "ވޮޝިންޓަން ޕޯސްޓް"ގެ ބައެއް މުރާސިލުންނާ އަދި އެޑިޓަރުންނާ މިހަފްތާގެ ކުރީކޮޅު، ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ބިން ސަލްމާން ވިދާޅުވީ، އޭނާ ސައޫދީއަށް ގެންނަން މަސައްކަތް ކުރައްވަނީ ދީނީ އިސްލާޙްތަކެއް ނޫންކަމަށާއި އިޖްތިމާއީ އިސްލާޙް ތަކެއްކަމުގައެވެ. ދީނަކީ ފުރިހަމަ އެއްޗެއްކަމާއި ދީނަށް އިސްލާޙް ގެންނަން ނުޖެހޭކަން ހާމަކުރައްވަމުން ބިން ސަލްމާން ވިދާޅުވީ އޭނާ އިސްލާޙް ކުރަން މަސައްކަތް ކުރައްވަނީ ދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ސައޫދީ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިޖްތިމާއީ ދަތިތަކާއި ހުރަސްތަކެއްކަމަށާއި އޭގެތެރޭގައި އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުމާއި އަންހެނުން ގެއިން ބޭރަށް ދިޔުމާއި ގެއިން ބޭރުގައި މަސައްކަތްކުރުމާއި ވަޒީފާތަކަށް ދިޔުމަށް ހުރަސްތަށް ކުރިމަތިކޮށްފައިވުމާއި މިޔުޒިކާއި އެކިއެކި ހަފްލާތައް މަނާކޮށްފައިވުން ފަދަ ކަންކަން ހިމެނޭކަމުގައެވެ.

މިއީ އިޖްތިމާއީ ހުރަސްތަކެއްކަން ބަޔާން ކުރައްވަމުން ބިންސަލްމާން ވިދާޅުވީ އޭނާ މަސައްކަތްކުރައްވަނީ އެކަންކަމަށް ބަދަލުގެނެސް އެކަންކަމަކީ އިސްލާމީ ޢަގީދާއާ އަދި ރަސޫލާ صلى الله عليه وعلى آله وسلمގެ ސުންނަތާ ގުޅުންނެތް ކަންތައްތަކެއްކަން ސައޫދީ ބައެއް ޝައިޚުންނަށް ވިސްނައި ދެއްވުމަށް ކަމުގައެވެ. މިބާވަތުގެ ކަންކަމަކީ ދީނީ ކަންކަމުގެ ގޮތުގައި ދެކޭ ޝައިޚުންނާ ކުރެއްވި ދިގު މަޝްވަރާތަކާއި އާގިއުމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ޝައިޚުންގެ ވިސްނުން ޚިޔާލު ބަދަލުކުރެވިފައިވާކަން ހާމަކުރައްވަމުން އޭނާގެ އިސްލާޙީ ވިސްނުމަށް ތާއީދުކުރާ ޝައިޚުން ސައޫދީ ދީނީ އިލްމުވެރިންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް އިތުރު ވަމުންދާކަން މުހައްމަދު ބިން ސަލްމާން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަ ދިނުމާއި އަންހެނުން ގެއިން ބޭރަށް ގޮސް އެކިތަންތަނުގައި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ހުޅުވާލައި ސައޫދީގައި މިޔުޒިކާއި އެކިއެކި ހަފްލާތައް މަނާކޮށްފައިއޮތް އޮތުން ސަރުކާރުން އުވާލީ ހަރުކަށި ވިސްނުމުގެ ޝައިޚުންނަށް މިކަން ވިސްނައި ދިނުމަށްފަހު ގިނަ ޝައިޚުން އެކަން ގަބޫލުކޮށް އެމީހުންގެ ރުހުމުގައިކަން މުހައްމަދު ބިންސަލްމާން ފާހަގަ ކުރެއްވިއެވެ.

އިސްލާމް ދީނާބެހޭގޮތުން ވޮޝިންޓަން ޕޯސްޓްގެ ބައެއް މުރާސިލުންނާއި އެޑިޓަރުންނަށް މައުލޫމާތު ދެއްވަމުން މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިސްލާމް ދީނަކީ ބައެއް މީހުން ސިފަކުރާފަދަ ހަރުކަށި އަދި އުނދަނގޫ ދީނެއް ނޫންކަމަށާއި، ދީން ސިންޕަލް ކަމުގައެވެ. މިގޮތުން ދުންޔަވީ އަދި ބުއްދީގެ ގިނަ ހަމަތަކާ އިސްލާމް ދީން ފުށުނާރާ ކަމަށާއި ދީން ހަރުކަށި އެއްޗަކަށް ހަދައިގެން އުޅެނީ ހަރުކަށި ވިސްނުމުގެ ބައެއް ދީނީ އިލްމުވެރިން އެމީހުންގެ އަމިއްލަ ބޭނުމެއްގައި ކަމަށް ބިން ސަލްމާން ސިފަކުރެއްވިއެވެ.

އެފަދަ ބައެއް ޝައިޚުން ދީނުގެ ކަންކަން މާއުނދަނގޫކޮށްލައިގެން އުޅެނީ އެމީހުންގެ އަމިއްލަ ވިސްނުންތައް ދީނުގެ ކަންކަމަށް ހަދައިގެން ދީނުގެ ނަމުގައި އެހެން މީހުންގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ކަމަށާއި އެފަދަ ހަރުކަށި ވިސްނުމުގެ ޝައިޚުންގެ ބޭނުމަކީ ދީން ހައިޖެކް ކުރުންކަމަށްވެސް މުހައްމަދު ބިންސަލްމާން ވިދާޅުވިއެވެ.

ސައޫދީއަށް ގެންނަ އިސްލާޙްތަކަށް މަދު އަދަދެއްގެ ދީނީ އިލްމުވެރިން ހިތްހަމަ ނުޖެހުނުނަމަވެސް ސައޫދީ ދީނީ މުއައްސަސާތަކުގެ ތެރޭގައި މިހާރު ގިނައީ ސައޫދީ މުޖްތަމައު އިސްލާޙްކޮށް ޒަމާނީ ކުރުމަށް އޭނާގެ ޒައާމަތުގެ ދަށުން ކުރިޔަށްގެންދާ އިސްލާޙީ ޕްރޮގްރާމަށް ތާއީދުކުރައްވާ ޝައިޚުން ކަމަށާ މިކަންކަން ސައޫދީ ޝައިޚުންނަށް ވިސްނައިދީ އެމީހުން ޒަމާނީ ކަންކަމަށް އަހުލުވެރި ކުރުވުމަށް ސައޫދީގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަންވެސް މުހައްމަދު ބިން ސަލްމާން ހާމަކުރެއްވިއެވެ.

ބިން ސަލްމާންގެ މޭސްތިރިކަމުގެ ދަށުން ސައޫދީގައި ގެންދަނީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާ އަދި ދީނުގެ ބައެއް ކަންކަމުގައި ގެންގުޅޭ ފިކުރުގެ ގޮތުން ސައޫދީއަށް ބޮޑެތި އިސްލާހްތަކެއް ގެނައުމަށް ޓަކައި އިސްލާހީ ޕްރޮގްރާމެއް ހިންގަމުންނެވެ.

މި އިސްލާޙީ ޕްރޮގްރާމުގެ ދަށުން ސައޫދީ ސަރުކާރުންވަނީ މުނިފޫހި ފިލުވުމަށް ޚާއްސަ މުއައްސަސާއެއްވެސް އުފައްދައިފައެވެ. އެމުއައްސަސާއިން ވަނީ މުނި ފޫހިފިލުވުމުގެ ހަރަކާތްތަކުގެ ގޮތުގައި ސައޫދީގައި ލަވައާއި މިޔުޒިކީ ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ދީ އެފަދަ ހަފްލާތައް ބާއްވަން ފަށައިފައެވެ. މުނިފޫހި ފިލުވުމުގެ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ސައޫދީގައި އޮޕެރާ ހައުސް އަކާއި މިޔުޒިކް ދަސްކޮށްދޭ އިންސްޓިޓިއުޓެއް ގާއިމް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިޔުޒިކާއި ލަވައަކީ ހަރާމް އެއްޗެއްކަމަށް ސައޫދީ ބައެއް އިލްމުވެރިން ކުރިން ފަތްވާ ދެއްވާފައިވީ ނަމަވެސް މުހައްމަދު ބިން ސަލްމާންގެ އިސްލާޙީ ޕްރޮގްރާމުގެ ދަށުން ސައޫދީގައި މިހާރު ބާއްވަމުންގެންދާ ލަވައާއި މިޔުޒިކްގެ ހަފްލާތަކަށް ސައޫދީ ދީނީ އިލްމުވެރިން ދެކޮޅު ހައްދަވާފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގެ ތަންކޮޅެއް ކުރިން ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައުދީ މުޖްތަމައު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށާ އެކަމަށްޓަކައި ސައުދީގައި ޒަމާނުއްސުރެ އަށަގެންފައިވާ ބޯދާ ބައެއް ކަންކަން އިސްލާޙުކޮށް ދީނީ ފަތުވާނެރޭގޮތަށްވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމުގައެވެ.

މިގޮތުން ޒަމާނުއްސުރެ ސައުދީ މުޖްތަމައުގައި އަށަގަނެފައިވާ ޒަމާނާ ނުގުޅޭ އަދި ދީނުގައިވާ މެދުމިނުގެ އުސޫލުތަކަށް ނުފެތޭގޮތަށް (ހަރުކަށި ވިސްނުމުގައި) ނިންމާފައިވާ ކަންކަން އިސްލާޙްކޮށް ކީރިތީ ރަސޫލާ صلى الله عليه وعلى آله وسلم ގެ ޒަމާނުގައި އޮތް އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ފައްތަންޖެހޭ ކަމަށްވެސް ބިން ސަލްމާން ވިދާޅުވެފައިވެއެވެ. އަދި އަންހެނުން ކަޅުކުލައިގެ ހެދުން އެޅުމާއި އަންހެނުން ޢަބާއާ ލުމަކީވެސް ދީނާ ގުޅުންހުރި ކަމެއްނޫންކަމަށް ބިންސަލްމާން ވަނީ ވިދާޅުވެފައެވެ.