29 Mar 2018, 09:44
އިސްލާމްއާބާދު (މާޗް 29): ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ މަލާލާ ޔޫސުފްޒާއީއަށް 2012 ވަނަ އަހަރު ތާލިބާނުން ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ޕާކިސްތާނަށް އެނބުރި ގޮސްފި އެވެ.
އަންހެން ކުދިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލުމުގެ ސަބަބުން ތާލިބާނުގެ ހަނގުރާމަވެރިންތަކެއް މަލާލާގެ ބޮލަށް ބަޑި ޖެހީ އޭނާގެ އުމުރުން 15 އަހަރުގަ އެވެ. އެހަމަލާގެ ސަބަބުން މަލާލާގެ ފުރާނައަށް ނުރައްކާވެ، އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ގެންދިޔަ އެވެ. އޭގެ ފަހުން މަލާލާ އާއި އާއިލާ ދިރިއުޅެމުން އައީ އެގައުމުގަ އެވެ.
މަލާލާ ޕާކިސްތާނަށްދާ ކަމުގެ ހަބަރު ލިބުމާ އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާ ހެދި އޭނާގެ ދަތުރުގެ ތަފްސީލުތައް ހާމަކޮށްފައި ނުވާ ކަމަށް އޭއެފްޕީގައިވެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ހަތަރު ދުވަހަށް ދެމިގެންދާ އެދަތުރުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދް ޚަގަން އައްބާސީއާ މަލާލާ ބައްދަލުކުރާނެ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުން އަންނަ މަލާލާ އަކީ އެންމެ ހަގު އުމުރުގައި ނޮބެލް ސުލްހައިގެ އިނާމު ހާސިލު ކުރި ކުއްޖާ އެވެ. (ބީބީސީ)