29 Mar 2018, 09:38
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ސޯޝަލް މީޑިއާ ފޮލޮވަރުންގެ އަދަދު 20 މިލިއަނަށް އަރައިފި އެވެ.
ޓުވިޓާ އަދި އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުންގެ ޖުމްލަ 20 މިލިއަނަށް އެރުމާ ގުޅިގެން އެކަމުގެ އުފަލުގައި ކަރަން ވަނީ ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓުގައި ކަރަން ބުނެފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ ލޯބީގެ އިތުރުން، ނަފުރަތަށް ވެސް އޭނާ ޝުކުރުވެރިވާ ކަމަށެވެ. އަދި އެއީ ކުރިއަށް ދާން އޭނާ އަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ވެސް ކަރަން ބުންޏެވެ.
ޓުވިޓާގައި 15 މިލިއަން މީހުން ކަރަން ފޮލޯ ކުރެ އެވެ. އަދި އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ފަސް މިލިއަނަށް އަރަ އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށް ޕްރޮޑިއުސްކޮށްފައި ވާއިރު، ކަރަން އަކީ މިހާރު ބޮލީވުޑުގައި އެންމެ ވިދުން ގަދަ ބައެއް ތަރިންގެ ކާމިޔާބީގެ ފަހަތުގައިވާ މުދައްރިސެވެ.
ކަރަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ސިމްބާ'، 'ދަޅަކް'، ސްޓޫޑެންޓް އޮފް ދަ އިޔާ 2'، 'ޑްރައިވް'، 'ކޭސަރީ' އަދި 'ރަންބޫމީ' ހިމެނެ އެވެ.
ކަރަން މިހާރު ފެނިގެން ދަނީ ސްޓާ ޕްލަސް އިން ގެނެސްދޭ 'އިންޑިއާޒް ނެކްސްޓް ސުޕަސްޓާ'ގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ.