މަޝްހޫރު ޑައިރެކްޓަރު ފަރްހާން އަޚްތަރުގެ ޕާސަނަލް ފޭސްބުކް އެކައުންޓް ޑިލީޓްކޮށްލައިފި އެވެ.

ފަރްހާން އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓުން މެދުވެރިކޮށް ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ ޕާސަނަލް އެކައުންޓް ޑިލީޓްކޮށްލި ނަމަވެސް އޭނާގެ ވެރިފައިޑް ޕޭޖު ފަރްހާން އަކްތަރް ލައިވް ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ.

އޭނާގެ ޕާސަނަލް އެކައުންޓް ޑިލީޓްކޮށްލައިފައިވާ އިރު އެކަމާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފަރްހާން އޭނާގެ ފޭސްބުކް އެކައުންޓް ޑިލީޓްކުރީ އެސްއެމްއެސް ޑޭޓާ އާއި ކޯލް ރިކޯޑިންގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަން އޭނާ އަށް ފަޅާއެރުމުންނެވެ. ނަމަވެސް އޭނާ އެކަމާ މެދު އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

އުމުރުން 44 އަހަރުގެ އެކްޓަރު މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ "ޑޮން 3"ގެ މަސައްކަތެވެ. ދުބާއީ އަދި އަބޫދާބީގައި ޝޫޓުކުރާ އެ ފިލްމަކީ ފަރްހާން ޑައިރެކްޓް ކުރާ ފިލްމެކެވެ.

މައުލޫމަތު: ޓައިމްސް އޮފް އިންޑިއާ