29 Mar 2018, 08:44
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްް ފަހު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ރާނީ މުކަރްޖީ ފެނިގެންދިޔަ ފިލްމު "ހިޗްކީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފިއެވެ.
ބޮލީވުޑްގެ ކްރިޓިކް ތަރަން އާދާޝް ބުނީ ހިޗްކީއަށް މިހާތަނަށް 20 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
ހިޗްކީ މިހާތަނަށް 961 އެއް ސްކްރީނުގައި އަޅުވާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާ ބަންދުގައި ފިލްމުގެ އާމްދަނީ ރަނގަޅުވެގެންދާނެ ކަމަށް ވެސް އެނަލިސްޓުން ބުނެއެވެ.
"ހިޗްކީ"ގެ ކުރިން ރާނީ ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މަރްދާނީ" އިންނެވެ. "މަރްދާނީ" އަށް ލިބުނު ވަރުގެ ކާމިޔާބެއް "ހިޗްކީ"އަށް ނުލިބުނު ނަމަވެސް، ރަނގަޅު އާމްދަނީއެއް އެ ފިލްމު ހޯދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.