ނިއުކާސަލް އަށް ކުޅެމުންއައި މިޑްފީލްޑަރު ޖޯއީ ބާޓަން ޕްރެމިއާ ލީގަށް އަލަށް ކޮލިފައިވި ކިޔުޕީއާރާއި އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި އެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ބާޓަން މި ސީޒަނު ގައި ނިއުކާސަލް އިން ބަދަލުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިކަން ރިޕޯޓްތަކުން ހާމަވެގެންދެ އެވެ. ނިއުކާސަލް އިން ހުށަހެޅި އާ ކޮންޓްރެކްޓު ވެސް ބާޓަން ވަނީ ދޫކޮށްލާފަ އެވެ. ކިޔުޕީއާރުގެ 17 ނަންބަރު ޖާޒީގައި ފެނިގެންދާނެ ބާޓަން އެކުލަބުގައި ހުރެވެސް ކާމިޔާބީތަކެއް ހޯދުމަށް ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

"މި ޓީމުގައި މޮޅެތި ކުޅުންތެރިން ތަކެއް އެބަތިބި. އެކުޅުންތެރިން ޗެމްޕިއަންޝިޕްގައި ދެއްކީ މޮޅު ކުޅުމެއް. އަހަރެން ބޭނުން މިޓީމުގައި ހުރެ ކާމިޔާބީ ހޯދަން،" ބާޓަން ބުންޏެވެ.

ނިއުކާސަލްގެ ފަރާތުން އެ ކުލަބުގެ މެނޭޖިންގް ޑިރެކްޓަރު ޑެރެކް ލަމްބިއަސް ބާޓަން އަށް ޝުކުރު އަދާކޮށްފައިވެއެވެ. "ނިއުކާސަލްއަށް ދަނޑުމަތީ ބާޓަން ދިން އެއްބާރުލުމަށް ކުލަބުގެ ފަރާތުން ޝުކުރު އަދާކުރަން. ބާޓަން އަށް އިތުރު ކާމިޔާބީއަށް އެދެން." ޑެރެކް ލަމްބިއަސް ބުންޏެވެ.

މެންޗެސްޓާ ސިޓީއަށް ކުޅުމަށްފަހު 5.8 މިލިޔަން ޕައުންޑަށް ނިއުކާސަލް އަށް ބަދަލުވެ 81 މެޗު ކުޅެ ހަތް ގޯލު ކާމިޔާބުކޮށްދީފައި ވެއެވެ. މެންޗެސްޓާ ސިޓީގެ ޒުވާން ޓީމުން ސީނިއާ ޓީމަށް ބަދަލުވި ބާޓަން ވަނީ ފުރަތަމަ ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. މެންސިޓީ އަށް ކުޅުނު 130 މެޗުން ބާޓަން ވަނީ 15 ގޯލު ކާމިޔާބުކޮށްދީފަ އެވެ.