28 Mar 2018, 19:31
އަންނަ މޭމަހު ތައިލެންޑުގައި ބާއްވާ އިންޓަނޭޝަނަލް ޓޫނާ ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެ ހަމަޖެހިއްޖެއެވެ.
މިފްކޯގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ކުރާ ބުރަ މަސައްކަތް ރާއްޖެއިން ބޭރުގައި ޕްރޮމޯޓް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް އެކުންފުނިން ކުރަމުންދާ ކަމަށެވެ.
"ދުނިޔޭގައި މިވަގުތު މިކިޔާ ޕޯލް އެންޑް ލައިންއަކީ ވެސް މިފްކޯއިން އިސްނަގައިގެން 2006 ވަނަ އަހަރ ޓޫނާ ކޮންފަރެންސްގައި އަޅުގަނޑުމެން ކުރި މަސައްކަތުން ތައާރަފްވެގެން އުޅޭ އެއްޗެއް. މިއަހަރުވެސް މޭ މަހު އެބައޮތް ޓޫނާ ކޮންފަރެންސް. އޭގެ މޭޖާ ސްޕޮންސާޝިޕް މިފްކޯއިން ނަގައިގެން މިއުޅެނީ،" އަދްލީ ވިދާޅުވިއެވެ.
އަދްލީ ވިދާޅުވީ މޭމަހު އޮންނަ ޓޫނާ ކޮންފަރެންސަކީ މުޅި ދުނިޔޭގައިވެސް އޮންނަ އެންމެ ބޮޑު ޓޫނާ ކޮންފަރެންސް ކަމަށާއި އެ ކޮންފަރެންސްގައި 800 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާކަމަށެވެ.
ޓޫނާ ކޮންފަރެންސްގައި ބައިވެރިވުމުގެ އަމާޒަކީ ދިވެހި މަހަކީ ގޯލްޑް ސްޓޭންޑާޑް އުފެއްދުމެއްކަން ޕްރޮމޯޓްކުރުން ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.
ދިވެހި މަސްވެރިން މަސްބާނާގޮތް ދިވެހި މަސްވަރިކަމުގައި ހުރި ތިމާވެއްޓާ ރައްޓެހި ކަންތައްތަކާއި އަދި ސިއްހީ ގޮތުން ދިވެހި މަހުގައި ހުރި ރައްކާތެރިކަން އެނގުމުން ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑަށް ސިހުމެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ
މިފްކޯއިން ބުނީ ބައިނަލްއަގުވާމީ މާކެޓްގައި ރާއްޖޭގެ މަސްވަރިކަމުގެ ބާވަތްތަކަށް މާކެޓް ހޯދުމުގެ ގޮތުން މިއަހަރު ވަރަށް ގިނަ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ބޮސްޓަންގައިގައި މާކެޓިންގެ ގިނަ ހަރަކާތްތަކެއް މިމަހު ބާއްވާފައިވާ ކަމަށެވެ. އަދި އަންނަ މަހު ބެލްޖިއަމްގައި ބްރަސަލްސްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ސީފުޑް ފެއާގައި ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.