28 Mar 2018, 19:35
ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ "ފޭސް އޮފް ދަ ފިއުޗާ" އަށް މަޓާޓޯ ގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒު ހޮވައިފިއެވެ. މިއީ ސަރަހައްދުގެ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާނުންނަށް ދެވޭ އެންމެ ބޮޑު އެއް ޝަރަފެވެ.
ޕާޓާ އަކީ އޭޝިއާ ޕެސިފިކް ސަރަހއްދުގެ ޓުއަރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.
ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ ވިދާޅުވީ ފާއިތުވި 10 އަހަރު ތެރޭ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ކުރިއެރުވުމަށް މަޓާޓޯ އާއެކު ގިޔާސް ކުރެއްވީ އަގު ނުކުރެވޭފަދަ ހިދުމަތެއް ކަމަށެވެ. ޕާޓާ ގެ "ފޭސް އޮފް ދަ ފިއުޗާ" އަށް ގިޔާސް ހޮވުމުން ޑރ. ހާޑީ ވަނީ ގިޔާސް އަށް މަރުހަބާ ދަންނަވައިފައެވެ.
ޕާޓާ ގެ "ފޭސް އޮފް ދަ ފިއުޗާ" އަށް ގިޔާސް ހޮވުމާއެކު މިއަހަރުގެ މެއި މަހުގެ 17 އިން 20 އަށް ދެކުނު ކޮރެއާގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕާޓާ ޔޫތު ސިމްޕޯސިއަމްގައި ވާހަކަ ދެއްކުމުގެ ފުރުސަތުވެސް އޭނާ އަށް ލިބޭނެއެވެ. ބީބީސީ ވޯލްޑް ނިއުސްގެ ޕްރޮޑިއުސަރު ޝަރަންޖީތް ލޭލް، މި ސަމިޓުގައި އިންޓަވިއު ކުރާ މީހުންގެ ތެރޭގައިވެސް އޭނާ ހިމެނޭނެއެވެ.
މީގެ އިތުރުން 2018/2019 ގެ ޕާޓާ އެކްޒެކެޓިވް ބޯޑުގައި ނޮން-ވޯޓިން މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ގިޔާސް އަށް ދައުވަތު ދޭނެއެވެ.
ޕާޓާ ގެ "ފޭސް އޮފް ދަ ފިއުޗާ" އަށް ހޮވުމާ ގުޅިގެން ގިޔާސް ވިދާޅުވީ ހާސިލް ކުރެވުނީ ވަރަށް ބޮޑު ޝަރަހެއް ކަމަށެވެ. މި އެވޯޑު މަޓާޓޯ އާއި އިނަ މޯލްޑިވްސް ހޮލިޑޭސް އަށް ހާއްސަ ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދުގެ ދުނިޔެއަކީ ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ދާން ޖެހިފައިވާ ދުނިޔެއެއްކަން ފާހަގަކުރައވާ ގިޔާސް ވިދާޅުވީ ޓުއަރިޒަމްގެ ދާއިރާގައި ކުރިއަށް ދިއުމަށް ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށެވެ.
މަޓާޓޯގެ ރައީސްގެ އިތުރުން ގިޔާސް އަކީ އިނަ މޯލްޑިވްސް ހޮލިޑޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުުރުން އޭނަ އަކީ އޭސް ޓްރެވެލްސް މޯލްޑިވްސް އަދި ސްޕެންސް މޯލްޑިވްސްގެ ޑިރެކްޓަރެއް ވެސް މެއެވެ.
ޓުއަރިޒަމް ދާއިރާގައި 14 އަހަރުގެ ތަޖުރިބާ އާއެކު އޭނާ މިއަދުވެސް ކުރިއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ކުރިއެރުވުމަށެވެ. ގިޔާސް ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޯޑު ޑިރެކްޓަރުކަންވެސް 2014 އިން 2017 އަށް ކުރައްވައިފައެވެ. ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) ގެ 10 އައުޓް ސްޓޭންޑިން ޔަންގް ޕާޒަންސް އިން މޯލްޑިވްސްގެ އެވޯޑު 2010 ވަނަ އަހަރު ހާސިލް ކުރެއްވި ގިޔާސް އަކީ ރާއްޖޭގައި ހުންނަ ސީޝެލްސް ކޮންސިއުލެޓުގެ ޑެޕިއުޓީ ކަން ކުރައްވާ ބޭފުޅާވެސްމެއެވެ.