27 Aug 2011, 14:29
ޓީވީ އާއި ރޭޑިއޯގެ އާ ފްރީކުއެންސީ އަންނަ އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނޫނީ ނޮވެމްބަރު މަހު ކުރީ ކޮޅު ބީލަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ ރޭޑިއޯގެ އާ ފްރީކުއެންސީ މި އަހަރު ބީލަމަށް ހުޅުވާލާނީ މުޅި ރާއްޖެ ކަވަރުކުރެވޭ ގޮތަށް ކަމަށާއި އެކަމާ ގުޅިގެން ތައްޔާރުކުރަން ޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް 2007 ވަނަ އަހަރު މީޑިއާ ހުޅުވާލި އިރު، ރޭޑިއޯގެ ފްރީކުއެންސީ ހުޅުވާލާފައި ވަނީ ތަފާތު ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި މާލޭ ސަރަހައްދަށް ވަކިންނާއި އަތޮޅުތަކުގެ ވަކިވަކި ސަރައްހައްދުތަކަށް ރޭޑިއޯގެ ހިދުމަތް ދިނުމަށް ވަނީ ބަޔަކަށް ލައިސަންސްދީފަ އެވެ.
"މިފަހަރު މާލެ އަށް ވަކިން ނުވަތަ އަތޮޅުތަކުގެ ވަކިސަރަހައްދެއް ހާއްސަކޮށް އެއްވެސް ފްރީކުއެންސީއެއް ނުހުންނާނެ،" ރޭޑިއޯ ފްރީކުއެންސީ ދޫކުރާނެ ގޮތް ޝަހީބު ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން ބުނި ގޮތުގައި ޓީވީ އާއި ރޭޑިއޯގެ ފްރީކުއެންސީގެ ސްޕެކްޓްރަމް ހެދުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.
ޝަހީބު ވިދާޅުވީ މިފަހަރު ޓީވީއާ ރޭޑީއޯގެ ފްރީކުއެންސީ ދޫކުރުމުގައި މިހާރު ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ބޯނަސް ޕޮއިންޓް ލިބޭ ގޮތަށް ބިޑިން ޕްރޮސެސްގެ ތެރޭގައި ހަމަޖެހިފައިވާނެ ކަމަށާއި އޭގެ ބޭނުމަކީ މިހާރު ރޭޑިއޯ އާއި ޓީވީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ފުރުސަތު ނުގެއްލޭ ގޮތަށް އެކަންތައް ކުރިއަށް ގެންދިއުން ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
"މިގޮތަށް ނިންމަން ޖެހުނީ 2007 ވަނަ އަހަރުގެ ތަޒުރިބާއަށް ބާލައިފައި. އޭރު ވަރަށް ގިނަ ފަރާތްތަކަކުން ބިޑްކޮށްގެން ފްރީކުއެންސީ ނެގި. ނަމަވެސް ފަހުން އެފްރީކުއެންސީ ދެވަނަ ނުވަތަ ތިން ވަނަ ފަރާތްތަކަށް ބޮޑުއަގުގައި ވިއްކާލާފައިވާކަން ވަނީ ފާހަގަކުރެވިފައި. އެހެންވެ އެކަހަލަ ނާޖާއިޒު ފައިދާއެއް އެއްވެސް ފަރާތަކަށް ނެގޭނެ ފުރުސަތު ނުދީ މިކަމަށް ޝައުޤު ހުރި ފަރާތްތަކަށް ފުރުސަތު ދިނުން ކޮމިޝަންގެ ބޭނުމަކީ،" ޝަހީބު ވިދާޅުވި އެވެ. "މިހާރު ހިދުމަތް ދެމުން އަންނަ ފަރާތައް ހިމާޔަތް ކުރުމަކީ ވެސް މިކޮމިޝަންގެ ޒިންމާއެއް،"
ޓީވީ އާއި ރޭޑިއޯގެ ފްރީކުއެންސީތައް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު އާ ގަވާއިދުގެ ދަށުން ބިޑަށް ލުމަށް ހަމަޖެހިފައި ވަނީ ޓީވީ އާއި ރޭޑިއޯގެ ކިތައް ފްރީކުއެންސީ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މިހާރު ރާއްޖޭގައި ހަތަރު ޓީވީ ޗެނަލާއި ހަތް ރޭޑިއޯ ޗެނަލް ހިންގަމުން ދެ އެވެ.