މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި ގއ. ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ޒުވާން މަސްވެރިން ތަމްރީނު ކުރުމަށް ނިންމައިފިއެވެ.

މިފްކޯގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ މުވައްސިސް މުހައްމަދު އަގްލީމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލެވެ.

މިފްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ގެމަނަފުށީގެ ތިން ސަރަހައްދަކުން ތިން މަސްވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތަމްރީންތައް އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަަމަށާއި އެތަމްރީނުތައް ހަފްތާއަކަަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ މުއައްސިސު އަގްލީމް ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ ޒުވާން މަސްވެރިންނެރެ ޒުވާނުން މަސްވެރިކަމާމެދު ދެކޭގޮތް ބަދަލުކުރުން ކަމަށެވެ. އަދި މިއަދު ވެވެނު އެއްބަސްވުމުގެ ދަށުން ފަށާ ތަމްރީންތަކުގެ ދަށުން ތިން ޒުވާނުންނަށް މަސްވެރިކަމުގައި ބޭނުންކުރާ ހުރިހާ ކަންތައްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ،

އަގްލީމް ވިދާޅުވީ ހުވަދު އަތޮޅަކީ މަސްވެރިކަމުގައި ތަފާތު އުކުޅުތަކެއް ގެންގުޅޭ ސަރަހައްދެއް ކަމަށާއި އަދި އެކަންތައްތައްވެސް ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔަވައިދޭނެ ކަމަށެވެ.