28 Mar 2018, 15:51
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މުދާ އުފުލުމާ ބެހޭގޮތުން ޓްރާންސްޕޯޓު އޮޓޯރިޓީން އެކުލަވާލި ގަވައިދާ ބެހޭގޮތުން ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، މުދާ އުފުލުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރު ސައީދު ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްވައިވާ ކަމަށެވެ.
މިއަދުގެ އެ ބައްދަލުވުމާއި ބެހޭގޮތުން އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، މާލޭގެ ފިހާރަތަކަށާއި އެހެން ސަރަހައްދުތަކަށް އުފުލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލާނެ ގަޑިތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނު ކުރުމާއެކު ވިޔަފާރިވެރިންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނުގައި ބުނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު ދިހަޔަކުން ހެނދުނު ހަޔަކަށް ކަމަށެވެ.
އަދި ކައްކާ ގޭސް އުފުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު އަށަކުން ހެނދުނު ހަޔަކަށެވެ.
އެ ގަވާއިދަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.