ކުރިއަށް އޮތް ރޯދަ މަހު ދަޅުމަސް މާލެއިން ހުސްނުވެ ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ.

މިފްކޯގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދުލީ އިސްމާއިލް ވިދާޅުވީ މިއަހަރު ދަޅު މަސް ހުސްނުވެ ލިބޭ މިންވަރަށް ސްޓޮކްގައި މަސްދަޅު ހުންނާނެ ކަމަށެވެ.

"އަބަދުވެސް ޖެހޭ މައްސަލައަކީ ދަޅު މަސް ހުސްވެގެން ކޮންޓްރޯލް ކުރުން. އެ މައްސަލައަށް ހައްލު ހޯދަންވެގެން އަޅުގަނޑުމެން ގުދަނެއް މާލޭގައި ތައްޔާރު ކުރެވި، ގާތްގަނޑަކަށް ދުވާލަކަށް 1،000 ކޭސް ހުސްވިޔަސް ތާށި ނުވާވަރުގެެ ގުދަނެއް. އަދި ފެލިވަރުގައި އެކަށީގެންވާ ސްޓޮކެއްވެސް މާލެއަށް ޓްރާންސްފާކުރުމުގެ މަސައްކަތް ކުރެވޭނެ،" އަދުލީ ވިދާޅުވިއެވެ.

އަދުލީ ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހުވެސް އެހެން އަހަރެކޭ އެއްފަދައިން އާ އުފެއްދުމެއް ނެރުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި ރޯދައަށް ޚާއްސަކުރާ ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.

މިފްކޯއިން މިދިޔަ މަހުވެސް ވަނީ އާ އުފެއްދުމެއް ތައާރަފު ކޮށްފައެވެ. "ފްލޭކްސް" ގެ ނަމުގައި ބާޒާރަށް ނެރުނު ދަޅުމަހަކީ އާންމުކޮށް ލިބެން ހުންނަ މަސްދަޅަށް ވުރެ އަގުހެޔޮ މަސްދަޅެކެވެ.

ފްލޭކްސް މަސްދަޅަކީ މަސް އެކްސްޕޯޓްކުރާ ޕްރޮސެސްގެ ތެރެއިން މަހުގެ އަރިމަތިންނާ އަދި ބާކީވާ ބައިބައިން ނަގާފަ ހުންނަ މަސްތަކުން އުފައްދައިފައިވާ އުފެއްދުމެކެވެ. އާންމުކޮށް ހުންނަ މަސްދަޅުގައި ހުންނަ މަހަށް ވުރެ ފުނޑުވެފައި ހުންނަ މި ޕްރޮޑަކްޓްގައި ހިމެނޭ މަހުގެ ރަހައިގައި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.