ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް އަދި ފޮނުވާފައި ނެތް ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ އެމައްސަލަ އެ އޮފީހަށް އަދި ލިބިފައި ނެތް ކަމަށެވެ.

އިބޫގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބެރިކޭޑްޖަހައި ބަންދުކޮށްފައި ވަނިކޮށް އޭނާ އިސްވެ ހުންނަވައި އިތުރު ބަޔަކު ގޮވައިގެން ގްރީންޒޯން ސަރަހައްދަށް ވަދެ ސަރުކާރު ވެއްޓިއްޖެކަން މީހުންނަށް ދައްކައި، އާންމު ރައްޔިތުންނަށް އޮޅުވާލައިގެން އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާކޮށް ފުލުހުންނާއި ސިފައިންގެ ކޮންޓްރޯލް ގެއްލުވާލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

އިބޫ ހައްޔަރުކުރީ އެރޭ 10:45 އެހާކަންހާއިރު އެވެ. ބާރަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ފުލުހުންގެ ބަންދުން މިއަދު އިބޫ ވަނީ ދޫކޮށްލައިފަ އެވެ.