28 Mar 2018, 14:50
ނޭޕީޑޯ (މާޗް 28): މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސް ކަމަށް ވިން މަޔަންޓް އައްޔަންކޮށްފި އެވެ.
އަންގް ސަން ސޫޗީގެ އަރިސް ފަރާތެއް ކަމަށްވާ މަޔަންޓް އެ މަގާމަށް އިންތިހާބު ކުރީ ކުރީގެ ރައީސް ޓިން ޗޯ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީގެ މެމްބަރެއް ކަމަށްވާ މަޔަންޓް ވަނީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސްކަން ކުރައްވާފައި އެވެ.
ސޫޗީއަށް އެ ގައުމުގެ ރައީސްކަން ނުކުރެވެނީ 2008 ވަނަ އަހަރު މިޔަންމާގައި އޮތް އަސްކަރީ ސަރުކާރުން އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.
އެބަދަލުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. ސޫޗީގެ ނިޔާވެފައިވާ ފިރިމީހާއަކީ އިނގިރޭސި ރައްޔިތެކެވެ. އަދި އެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންނަކީ ވެސް އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ މީހުންނެވެ.
ސޫޗީއަށް ރައީސްގެ މަގާމު ނުލިބުނު ނަމަވެސް އޭނާ ގެންދަވަނީ ގައުމުގެ ސްޓޭޓް ކައުންސިލަރުގެ މަގާމު ފުރުއްވަމުންނެވެ. ސްޓޭޓް ކައުންސިލަރަކީ އެގައުމުގެ ސަރުކާރުގެ އިސްވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓެވެ. އެއީ ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ފެންވަރުގެ މަގާމެކެވެ.
ސޫޗީގެ ސަރުކާރުން މިޔަންމާގެ ވެރިކަމަށް އައީ ބައިނަލްއަގުވާމީ ތާއިދާ އެކު ނަމަވެސް މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން ސޫޗީއަށް ވަނީ ބޭރު ގައުމުތަކުން ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. (ބީބީސީ)