28 Mar 2018, 14:20
ށ. އަތޮޅު ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމާލައިފި އެވެ.
ސަރުކާރުގެ ހަރަދުގައި ހަދާ ފުނަދޫ އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން ހިއްކަން ފެށީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީ އިން މުޅިން އަލަށް ގެނައި ކޮންނަ ބޯޓު މަހާޖައްރާފު ބޭނުން ކޮށްގެން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު އެއްކޮށް ހިއްކައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ އިން ބުނީ ބިން ހިއްކައި ނިމުމުން، މިހާރު ކުރަނީ ބިންގަނޑު އެއްވަރުކޮށް، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ފުނަދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ އިތުރުން އެ އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މަސައްކަތް ފަށާތާ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 49 މިލިއަން ރުފިޔާ އަށް ކަމަށް އެމްޓީސީސީން ބުންޏެވެ.