28 Mar 2018, 14:53
ޝާހުރުކްޚާން ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފްރެންޗައިޒް ފިލްމު ސީރީޒް ޑޮންގެ ތިން ވަނަ ބައިގައި ޑައިރެކްޓަރު ފަރްހާން އަޚްތަރު ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފަރްހާން "ޑޮން 3" އަކުން ފެނިލާނީ ހާއްސަ މަންޒަރަކުންނެވެ. އޭނާ ފެންނާނީ ފުލުހެއްގެ ރޯލަކުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް މި ހަބަރު އަދި ފަރްހާން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ފިލްމުގައި ހަރަކާތްތެރިވާނެ ފިރިހެންް ލީޑް ހަމަޖެހުނު ނަމަވެސް ފިލްމުގެ އަންހެން ލީޑަށް އަދި ފަންނާނެއް ހަމަޖައްސާފައެއް ނުވެ އެވެ. ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ކުރި ޓްވީޓްގައި ބުނެފައި ވަނީ ޑޮން 3 އަކުން ފެނިގެންދާނީ މުޅިން އާ މޫނެއް ކަމަށެވެ.
ދުބާއީ އަދި އަބޫދާބީގައި ޝޫޓުކުރާ އެ ފިލްމަކީ ފަރްހާން ޑައިރެކްޓް ކުރާ ފިލްމެކެވެ.
'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.