ރާއްޖޭގެ އެކި އަތޮޅުތަކުން 45 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމްް ގާއިމުކުރުމަށް ބަޔަކު ހޯދަންއިއުލާނުކޮށްފިއެވެ.

އެންވާރަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގްރީން ކްލައިމެޓް ފަންޑުން (ޖީސީއެފް)އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން 45 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓުތަކަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ފެށޭ މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެންވާރަމެންޓް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ފަސް ޕްރޮޖެކްޓެއްގެ ގޮތުގައި ބަހާލައިގެން ކުރިއަށް ގެންދާއިރު ކޮންމެ ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓް ބިޑު ސެކިއުރިޓީގެ ގޮތުގައި ހަމަޖެހިފައިވަނީ 13،000 އެމެރިކާ ޑޮލަރާއި 11،000 އެމެރިކާ ޑޮލަރުގެ އަދަދެކެވެ.

ޕްރޮޖެކްޓް އެކެއްގައި 10 ރަށެއް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. މާރަންދޫ، ހއ. މުރައުދޫ، ހއ. އުލިގަން، ހއ. އުތީމު، ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުރިނބީ އަދި ހދ. ނޭކުރެންދޫއެވެ.

ދެވަނަ ޕްރޮޖެކްޓުގައި ހިމެނެނީ ށ. ނޫމަރާ، ށ. ބިލެއްފަހި، ށ. ފޭދޫ، ށ. ފީވައް، ށ. ނަރުދޫ، ށ. ޅައިމަގު، ށ. ފުނަދޫ، ނ. ހެންބަދޫ، ނ. ޅޮހި އަދި ނ. މަގޫދޫއެވެ.

ތިންވަނަ ޕްރޮޖެކްޓުގެ ދަށުން ވާރޭފެން ނިޒާމު ގާއިމުކުރާނީ އއ. މަތިވެރި، އއ. ބޮޑުފުޅަދޫ، އއ. ހިމަންދޫ، އއ. ކުންބުރުދޫ، ދ. މީދޫ، ދ. ބަނޑިދޫ، އަދި ދ. ހުޅުދެއްޔެވެ.

ހަތަރުވަނަ މަޝްރޫއުގައި ހިމެނެނީ މ.ރަ ތްމަންދޫ، މ. ވޭވަށް، މ. ނާލާފުށި، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ދިޔަމިގިލި، ތ. ގާދިއްފުށި އަދި ތ.ކިނބިދޫއެވެ.

ފަހު މަޝްރޫއުގެ ދަށުން އެމަސައްކަތް ކުރަން ހަމަޖެހިފައިވަނީ ގއ. މާމެންދޫ، ގއ. ނިލަންދޫ، ގއ. ކޮންޑޭ، ގދ. ފިޔޯރީ، ގދ. ފަރެސްމާތޮޑާ، ގދ. ރަތަފަންދޫ، ގދ. ނަޑެއްލާ، ގދ. ހޯޑެއްދޫއެވެ

އެ މަސައްކަތުގެ ތެރޭގައި ވާރޭފެން ނަގާ ކޮންވޭޔަންސް ޕައިޕް އެޅުމާއި، ވާރޭފެން ރައްކާކުރާ ޓޭންކާއި، އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި، ޓްރީޓަޑް ވޯޓަރ ޓޭންކް ޤާއިމްކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ ޕްރޮޖެކްޓްތައް ނިންމަން މިނިސްޓްރީން ދެނީ 148 ދުވަހުގެ މުއްދަތެވެ.