މަޝްހޫރު ހިލްޓަން ހޮޓެލްސްގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ފްރެންޗައިސް އެގްރިމަންޓެއްގެ ދަށުން ރާއްޖޭގައި ހުޅުވުމަށް ނިންމައިފިއެވެ.

އެ ރިސޯޓަކީ ހިލްޓަންގެ މަޝްހޫރު ކިއުރިއޯ ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެ ރިސޯތު ހުޅުވަން ހަމަޖެހިފައިވަނީ ކ. އެނބުދޫފަޅުގައި ހަދާ ކްރޮސްރޯޑް ޕްރޮޖެކްޓްގެ ތެރެއިންނެވެ.

މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ މިރިސޯޓު ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހިލްޓަން ގްރޫޕާއި ސިންގްހަ އެސްޓޭޓުގެ ސަބްސިޑަރީއެއްކަމަށްވާ އެސް ހޮޓެލްސް އެންޑް ރިސޯޓާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިންޓަރނޭޝަނަލް ޓްރެވަލް މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ކިއުރިއޯ ކަލެކްޝަންގެ ބްރޭންޑް ހެޑް މާކް ނޯގަލް ވިދާޅުވީ ރާއްޖެފަދަ މަޝްހޫރު މަންޒިލެއްގައި އެ ކަލެކްޝަނުގެ ރިސޯޓެއް ހުޅުވުމަކީ ލިބޭ ބޮޑު ކުރިއެރުމަކާއި އުފަލެއް ކަމަށެވެ.

ރާއްޖޭގައި ހަދާ ކިއުރިއޯ ކަލެކްޝަންގެ އެ ރިސޯޓުގައި 198 ގެސްޓް ރޫމް ހުންނައިރު، އޭގެތެރޭގައި އޯވަރ ވޯޓަރ ވިލާތަކާއި ބީޗް ވިލާތައްވެސް ހިމެނޭނެއެވެ. އަދި ޑިއުޓީ ފްރީ ޝޮޕްތަކާއި ބީޗް ކްލަބް، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ކަލްޗަރަލް ކްލަބް އަދި ކިޑްސް ކްލަބްވެސް ހިމެނޭހެނެވެ.