28 Mar 2018, 12:40
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް އާލީ ޕެންޝަން ވިތުޑްރޯވަލްއަށް އެދި ހުށަހެޅޭ ގޮތަށް ކަނޑައަޅައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ރިޓަޔަމެންޓް ޕެންޝަން ސުކީމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާ ބެހޭ އާ ގަވައިދެއް އެކުލަވާލައިފި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިއްޔެ ގެޒެޓްކުރި އާ ގަވާއިދަށް ކިޔަނީ "ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސުކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި ސުކީމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު"އެވެ.
އެ ގަވާއިދު ވުޖޫދަށް އައުމާ އެކު 14 ސެޕްޓެމްބަރު 2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ، "ބިދޭސީ މުވައްޒަފު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސުކީމުގައި ބައިވެރިކޮށް، ސުކީމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދު،" ވަނީ އުވިފަ އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގެޒެޓްކުރި އާ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ބަދަލަކީ ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސުކީމުން ފައިސާ ދޫކުރުމުގެ ގަވައިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިދޭސީ މުވައްޒަފަކަށް ވެސް "އާލީ ޕެންޝަން ވިތުޑްރޯވަލް"އަށް އެދި ހުށަހެޅިދާނެ ކަމަށް ބުނެފައިވާ މާއްދާ އެވެ.
އެ މާއްދާއަކީ މީގެ ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުގައި ނުހިމެނޭ މާއްދާއެކެވެ.
ދިވެހި ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނާ އާލީ ޕެންޝަން ވިތުޑްރޯވަލް އަކީ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއެއްގެ އުމުރުން 55 އަހަރު ފުރުމުން، ކޮންމެ މަހަކު އެއްފަހަރު ކަނޑައެޅޭ ވަކި އަދަދެއްގެ ފައިސާ ދޫކުރާ އުސޫލުން ދެވޭ ޕެންޝަނެކެވެ.
އަދި އެ ޕެންޝަން ދެވޭނީ ރިޓަޔަމަންޓް ޕެންޝަން ސުކީމުގެ ބައިވެރިއެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި، އާލީ ޕެންޝަން ވިތްޑްރޯވަލްއަށް އެދި ހުށަހަޅާ އިރު، ޖަމާވެފައި ހުރި ފައިސާގެ ޖުމްލަ އަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ދެގުނައަށް ވުރެ ބޮޑުވާ ނަމަ އެވެ.
އޭގެ އިތުރުން އާލީ ޕެންޝަން ވިތުޑްރޯވަލް ލިބޭ ބައިވެރިއަކު ވަޒީފާ އަދާކުރި ނަމަވެސް، އެ ބައިވެރިއަކު އަދި އެ ބައިވެރިއަކުގެ ވަޒީފާދޭ ފަރާތުން ރިޓަޔަމަންޓް ޕެންޝަން ސުކީމަށް ފައިސާ ދެއްކުން ނިމުމަކަށް އަންނާނެ އެވެ.
އަލަށް އެކަށައެޅި ގަވާއިދުގައި ރިޓަޔަމަންޓް ސުކީމުގައި ހުރި ފައިސާ ނެގުމަށް ޓަކައި ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުން އެކަމަށް އެދި ހުށަހަޅާ މުވައްޒަފަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ މުއްދަތު ވަނީ 45 ދުވަހަށް އިތުރުކޮށްފަ އެވެ.
ނަމަވެސް މީގެ ކުރީގެ ގަވާއިދުގައި ބުނާގޮތުން، ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސުކީމުގައި ބައިވެރިވެފައިވާ ބިދެސީ މުވައްޒަފަކު، ސުކީމުގައި ހުރި ފައިސާ ނެގުމަށް ޓަކައި ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުން 30 ދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ އެ ބިދޭސީ މުވައްޒަފަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭންޖެހެ އެވެ.
ބިދޭސީން ރާއްޖެ ދޫކޮށް ފުރައިގެންދާއިރު، ޕެންޝަން ފަންޑުގައިވާ އެ މީހެއްގެ ފައިސާ އެއްކޮށް ގެންދެވޭގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.