ލޯކަލް ގަވަމަންޓް އޮތޯރިޓީ )އެލްޖީއޭ( ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެންބަރަކު ހޮވުން އަންނަ ހޯމަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރަކު ހޮވުމުގެ މައްސަލަ ދިރާސާ ކުރި ގައުމީ ސަލާމުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ އެލްޖީއޭގެ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުން ކުރިމަތިލި 18 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ފަހު، އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން މަޖިލީހުގެ އިދާރާ އަށް އެ ނަންތައް ފޮނުވާފައިވާ ކަމަށާއި އެ މަގާމަށް މީހަކު ހޮވުން އަންނަ ހޯމަ ދުވަހަށް އެޖެންޑާކޮށް އެކަން މިހާރު މެންބަރުންނަށް ވެސް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމެޓީން ރޭގަނޑު ވެސް ވަރަށް ދަންކޮށް މަސައްކަތް ކޮށްގެން އިންޓަވިއު ނިންމާފައި މި ފޮނުވީ ހޯމަ ދުވަހަށް އެ މައްސަލަ އެޖެންޑާ ކުރަން. މިހާރު ހޯމަ ދުވަހު އޮންނާނެ ކަމަށް މެސެޖު ވެސް ލިބިފައި އޮތީ،" އެ މެންބަރު ވިދާޅުވި އެވެ.

ހޯމަ ދުވަހު ނަގާ ވޯޓަށް ކުރިމަތިލި އެންމެންގެ ނަން ތަޅުމަށް ފޮނުވާފައިވީ ނަމަވެސް އެ ނަންތަކުގެ ތެރެއިން ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބިފައިވާ ތަރުތީބުން ވޯޓަށް އަހާގޮތަށް ކަމަށާއި އެންމެ މަތިން މާކްސް ލިބުނު ނަމަކީ ކޮމެޓީން މަޖިލީހަށް ރެކޮމެންޑް ކުރާ ނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަަވެސް އެެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ވަކި ނަމެއް ފޮނުވުމަކީ އިންސާފެއް ނޫން ކަމަށް. އެހެންވެ އަޅުގަނޑުމެން މާކްސް ލިބުނު ތަރުތީބުން އެންމެ މަތިން މާކްސް ލިބުނު ބޭފުޅާ އަށް ފުރަތަމަ ވޯޓަށް އަހާނީ. ކޮމެޓީން ރެކޮމެންޑް ކޮށްފައި އޮންނާނީ އެންމެ މަތިން މާކްސް ލިބުނު ނަން. އަޅުގަނޑުމެން ބެލި މިންގަނޑަކީ އިންޓަވައު އިން 75 ޕަސެންޓް މާކްސް ލިބޭ ބޭފުޅުންނަކީ އެކަމަށް ގާބިލް ބޭފުޅުން ކަމަށް،" މެންބަރު ވިދާޅުވި އެވެ.