28 Mar 2018, 10:28
މާލޭގައި ހުރި އަމިއްލަ ފަރާތްތަކުގެ ގޯތިތައް ތަރައްގީކޮށް، އިމާރާތް ކޮށްދިނުމަށް އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން (އެމްއާރުއީއައިސީ) އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން މާލޭގައި ހުރި އަމިއްލަ ފަރާތްތަކުގެ ބިން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލްގެ ފުރަތަމަ ބުރިއަށް ވަޑައިގަތް މައުލޫމާތު ސާފު ކުރެއްވުމަށް އެދިފައިވެ އެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ 7736424 ނަންބަރަށް ގުޅުމަށް ވަނީ ބުނެފަ އެވެ.
އެ އިއުލާނުގައި އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.
ނަމަވެސް ރިއަލް އެސްޓޭޓް ކޯޕަރޭޝަނުން ބުނީ، އެ ކުންފުނިން އެގޮތަށް އިމާރާތްކޮށްދެނީ 1000 އަކަފޫޓާއި 1500 އަކަފޫޓާ ދެމެދުގެ ގޯތި އެކަނި ކަމަށެވެ.
އެގޮތުން އަމިއްލަ ފައިނޭންސްގައި ވެސް ގޯތިތައް އިމާރާތް ކޮށްދޭއިރު، އިމާރާތުގެ ބައެއް ފުލޯތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ނުވަތަ ގެ މޯގޭޖުކޮށްގެން ވެސް އިމާރާތް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.