ބެއިޖިން(މާޗް 28): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންނެވިކަން އެ ދެ ގައުމުން އިއުލާންކޮށްފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ލީޑަރު ކިމް އާއި އަނބިކަނބަލުން ރީ ސޮލް ޖޫ ޗައިނާއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ. އަދި އެނބުރި ގައުމަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގަ އެވެ.

ޗައިނާގެ ޒިންހުއާ ނޫހުގައިވާ ގޮތުން ކިމް ވަނީ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވައިފަ އެވެ. އަދި އުތުރު ކޮރެއާ އިން އޮތީ ވަކި ޝަރުތުތަކެއްގެ މަތިން އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ދެކުނު ކޮރެއާ އާއި އެމެރިކާ އިން އުތުރު ކޮރެއާއާ އެކު ގާތް ގުޅުމެއް ބާއްވައި، ދެ ގައުމުން ސުލްހަވެރި މާހައުލެއް ގާއިމުކޮށްފި ނަމަ ކޮރެއަން ޕެނިންސުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލެވޭނެ ކަމަށް ކިމް ވިދާޅުވި ކަމަށް ޒިންހުއާގައިވެ އެވެ.

އަދި ރައީސް ޝީ ވަނީ އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ކިމް އެރުވި ދައުވަތު ގަބޫލު ކުރައްވާފައި ކަމަށް އެގައުމުގެ ކޭސީއެންއޭ ނޫހުން ބުންޏެވެ.

މިދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ލީޑަރު ކިމްއާ ބައްލުކުރެއްވުމަށް އެރުވި ދައުވަތު ގަބޫލު ކުރައްވައިފަ އެވެ. އަދި އަންނަ މޭ މަހު އެބައްދަލުވުން ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއަކީ ވިޔަފާރީގެ ގޮތުން އުތުރު ކޮރެއާއާ އެންމެ ގާތް ގައުމެވެ. އެހެންކަމުން، އުތުރު ކޮރެއާ އިން އެމެރިކާއާ ބައްދަލުކުރުމުގެ ކުރިން ޗައިނާއާ ބައްދަލު ކުރާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ މީގެ ކުރިން ލަފާކޮށްފަ އެވެ. (ބީބީސީ)