28 Mar 2018, 09:45
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުތް މެޗުގެ ކުރިން އިއްޔެ ގައުމީ ޓީމުގެ ސްކޮޑުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަކިކޮށް، އަދި އިއްޔެ ކުއްލިގޮތަކަށް ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، މެޗަށް ރާއްޖޭގެ ޓީމު ނުކުތީ އެ ދެ ކުޅުންތެރިން ނުލައެވެ.
އަޑުބަރޭ ކުޅުން ހުއްޓާލައިފައިވަނީ އޭނާ އަތުން ކެޕްޓަން ބޭންޑް ނަގައި އަކުރަމް އަބްދުލްޣަނީއާ ބޭންޑް ހަވާލުކުރުން ކަމަށް ބެލެވޭ އިރު، އިއްޔެ ހަވީރު ކޯޗު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޑުބަރޭ އަތުން ބޭންޑް ނެގީ އޭނާ މިއަހަރު ކުޅުން ހުއްޓާލަން ބޭނުންވާތީ ކަމަށެވެ.
"އަޑޭއަށް ބުނެލަން ޖެހޭ އެއްޗެއް އެބައޮތް. އަޑޭގެ ޕާސަނާލިޓީ ވަރަށް ރަނގަޅު. އަޑޭއަކީ ވަރަށް ރަނގަޅުވެސް މީހެއް. އަޑޭ އަތުން ބޭންޑް ނެގުމަކީ އަހަރެން ނެގި އެންމެ އުނދަގޫ ނިންމުން. އަހަރެން ކެޕްޓަން ނެގީ. އެކަން އެންމެންވެސް ބަލައިގަންނަން ޖެހޭ. މިތާ ނެތް ކުޅުންތެރިންނަށްވެސް އަދިވެސް އިހުތިރާމް ކުރަން ޖެހޭ. މުސްތަގުބަލު ދަނޑުން ފެންނާނެ. އަހަރެން ހަދާން ނައްތައެއް ނުލާނަން ދަގަނޑޭއާ އަޑޭ މިގައުމަށް ކޮށްދިން ހިދުމަތެއް،" ރޭގެ މެޗަށްފަހު ސެގަޓް ބުންޏެވެ.
ކޯޗު ބުނީ ރޭގެ މެޗުގެ ކުރިން ދިމާވި ކަންކަމުގެ ސަބަބުން ކުޅުންތެރިންގެ ވިސްނުމަށް އަސަރުކުރި ކަމަށާއި އެކަން ރަނގަޅުކޮށް މެޗަށް ނުކުތުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަރަށް އުނދަގޫވި ކުޅުންތެރިން މެންޓަލީ ރަނގަޅަށް ބަހައްޓަން. އެއީ އަޝްފާގާ އަޑޭއަކީ ގިނަ ކުޅުންތެރިންގެ ގާތް ރަހުމަތްތެރިންތަކެއް. އަޝްފާގާއި އަޑޭގެ ހާލަތާވެސް ތަފާތު. އަޑޭ ބޭނުންވި ކުޅެން. އެކަމަކު މެންޓަލީ ތައްޔާރެއް ނޫން. މި މޮޅު ހާއްސަކޮށް އަޑޭއަށް ހަދިޔާކުރަން. އެއީ ވަރަށް ރަނގަޅު މީހެއް. އިހުތިރާމް ކުރަން. އަޑޭ ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އަހަރެން ގަބޫލުކުރާނީ އޭނާއަކީ ކުޅުންތެރިއެއްގެ ގޮތުގައި. އޭނާގެ ނިންމުން ކޮންމެ ގޮަތަކަށް ނެގިޔަސް މައްސަލައެއް ނެތް. އަޑޭގެ ނިންމުމަކީ އެމޯޝަނަލް ނިންމުމެއް. އަހަރެން ގޮތެއް ނިންމާނީ މުސްތަގު ބަލަށް" ކޯޗު ސެގަޓް ބުންޏެވެ.
ސެގަޓް ބުނީ އޭނާއަށް ނިންމުނީ ގޯސް ނިންމުމެއް ކަމަށް ވެދާނެ ކަމަށާއިި، އެކަން އެގޮތަށް ކުރަން ޖެހުމުން މާފަށް އެދޭ ކަމަށެވެ.
"ވެދާނެ އަހަންނަށް ނިންމުނީ ގޯސް ނިންމުމެއް ކަމަށްވެސް. ވަގުތު ލިބުނު ނަމަ ނިންމުމާ މެދު އަދި މަޝްވަރާ ކުރަން ޖާގަވެސް ލިބުނީސް ކަންނޭނގެ. އެހެންވީމަ އަޑޭގެ ނިންމުންވެސް ނާންނާނެ ކަންނޭނގެ. ގަބޫލުކުރަން ޖެހޭ ކަމަކީ އަޑޭ ނެތްތައް ވަރަށް ބޮޑަށް ދައްކާކަން. އަހަރެން ވަރަށް ބޮޑަށް މާފަށްވެސް އެދެން. ވެދާނެ މިއަދު މާބޮޑަށް އިމޯޝަނަލީ ދިޔަ ނިންމުމެއް ކަމަށްވެސް. އަހަރެން އެދެނީ އަޑޭ ކިބައިން އަލުން އެނބުރި އައުމަށް،" ސެގަޓް ބުންޏެވެ.
ސެގަޓް ނިންމާލަމުން ބުނީ ރާއްޖޭގެ ސީނިއާ ބައެއް ކުޅުންތެރިންނާ މެދު ކަން ކުރެވޭ ގޮތަށް މާފަށް އެދޭ ކަމަށާއި، އޭނާ ބޭނުންވާ އެއްޗަކީ ޓީމުގައި ޑިސިޕްލިން ހިފެހެއްޓުން ކަމަށެވެ.