ގައުމީ ޓީމުގެ ކޯޗު ކަމާ ޖަރުމަނުގެ ޕީޓާ ސެގަޓް ހަވާލިފަހުން ކުޅުނު ފުރަތަމަ ވާދަވެރި މެޗުން 7-0ގެ ނަތީޖާއަކުން ބޫޓާން އަތުން މޮޅުވެ، އެ ކާމިޔާބީ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސްހަދު އަލީ (އަޑުބަރޭ)އަށް ހަދިޔާކުރާ ކަމަށް ކޯޗު ސެގަޓް ބުނެފިއެވެ.

މެޗުގެ ކުރިން ގައުމީ ޓީމުގެ ސްކޮޑުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަކިކޮށް، އިއްޔެ ހަމަ ކުއްލިގޮތަކަށް ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، މެޗަށް ރާއްޖޭގެ ޓީމު ނުކުތީ އެ ދެ ކުޅުންތެރިން ނުލައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ބުނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި މޮޅު ހަދިޔާ ކުރާނީ އަޑުބަރޭއާއި ދަގަނޑޭއަށް ކަމަށެވެ.

"ފުރަތަމަވެސް ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފި. މިއީ މުހިއްމު މޮޅެއް. މި މޮޅަކީ އަޝްފާގާއި އަޑޭއަށް ހަދިޔާކުރާނެ މޮޅެއް. އެއީ އެ ދެ ކުޅުންތެރިންނަކީ އަދިވެސް ގައުމީ ޓީމުގެ ބައެއް. އެންމެ މެޗަކުން ރާއްޖޭގައި ތިބި މުހިއްމު ކުޅުންތެރިންގެ ހަނދާން ނައްތާލައިގެން ނުވާނެ. އަހަރެމެން ތެރޭގައި މާ ގިނަ މޮޅެތި ކުޅުންތެރިންތަކެއް ނެތް. އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭ. އެކަމަކު އެންމެވެސް ދަންނަން ޖެހޭނެ ކަމަކީ ޑިސިޕްލިން. އަދި އަހަންނަނަކީ ލީޑަރު. ކަންކަމުގައި ޒިންމާ ނަގާނީ އަހަރެން،" ކޯޗު ބުންޏެވެ.

ކޯޗު ބުނީ މެޗުން ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ބައިވަރު ފެނުނު ކަމަށާއި ޒުވާން އާ ކުޅުންތެރިންތަކަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަން އުނދަގޫވި ކަމަށެވެ.

"ފަރިތަކުރުންތައް އުނދަގޫ. ޒުވާން ކުޅުންތެރިންތަކެއް. ފުރުސަތު އޮތް ކުޅުންތެރިންތަކެއް ލައިގެން ކުރިއަށް ގެންދިޔައީ. ސިންގަޕޫރު މެޗަށް ދާދު ނުގެންގޮސް އޭނާއަށް ރެސްޓް ދިނުމުގެ ފައިދާ ކުރި. ދާދުގެ ހަތަރު ގޯލަކީ އޭނާގެ މަސައްކަތް. މެޗު 7-0 އިން ނިމުނަސް އަދިވެސް މެޗު ރަނގަޅު ކުރެވޭނެ. ފުރަތަމަ ހާފް އުނދަގޫކޮށް ދިޔައީ. ކުޅުންތެރިން މެޗު ނިމެންދެން ކުރި ހިތްވަރު. މަރުހަބާ ހުރިހާ ރައްޔިތުންނަށް،" ކޯޗު ސެގަޓް މެޗަށްފަހު ބުންޏެވެ.

ރޭގެ މެޗުން ރާއްޖެ 7-0ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، މެޗުގައި ކޯޗު ބޭނުން ކޮށްފައިވަނީ އެވްރެޖުކޮށް ޒުވާން ކުޅުންތެރިންތަކެކެވެ. ކޯޗު ބުނީ ރޭގެ މެޗުން ފެނުނީ އުންމީދީ މަންޒަރުތަކެއް ކަމަށާއި، ޖީލެއް ބިނާ ކުރުމަށް ރޭގެ މެޗަކީ މުހިއްމު ފެށުމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެހި ސިގްނަލެއް. ޒުވާން އެތައް ކުޅުންތެރިންތަކެއް މެޗުގައި ފެނުނު. ދެން ދާނީ ރަށްތަކަށް. މި ކަހަލަ އެތައް ކުޅުންތެރިންނެއް އެބަ ބޭނުންވޭ. ވާދަވެރިކަން ބޭނުންވާނެ ސްކޮޑުގައި. ދާދު މިއަދު ހަަތަރު ގޯލް ޖެހިޔަސް އޭނާއަށްވެސް ދަށް ދުވަހު ބަދަލު ކޮށްލަން ކުޅުންތެރިއަކު ބޭނުންވާނެ. މިއީ ޕްރޮފެޝަނަލް ފުޓުބޯޅަ. އަހަރެންގެ ނުހުންނާނެ އިމޯޝަންއެއް. އަހަރެން ހުންނާނީ ޕްރޮފެޝަނަލިޒަމް. އަހަރެން ވަކި މީހެއް ދެކެ ގަޔާވާ، ވަކި ކުޅުންތެރިއެއް ދެކެ ރުޅިއެއްވެސް ނާދޭ. ކާމިޔާބީއަށް އަހަރެން ދާނީ ޕްރޮފެޝަނަލް ނިންމުންތަކާއެކު،" ކޯޗު ބުންޏެވެ.

ކޯޗު ބުނީ އޭނާ ރާއްޖޭގައި ކުރާ މަސައްކަތުގެ މިސްރާބު ރޭގެ މެޗުންވެސް އެނގޭނެ ކަމަށާއި، ބޭނުމަކީ ދިވެހިން އޭނާއަށް އިހުތިރާމް ދޭނެ ފެންވަރުގެ ބަދަލުތަކެއް ގެނައުން ކަމަށެވެ.