ބައެއްގެ ނުފޫޒު ތަކުގެ ތެރެއިން އޮޅުވާލެވިގެން ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ސުޕްރީމް ކޯޓާ މެދު ރައްޔިތުންގެ އިތުބާރު ގެއްލެން ނުޖެހޭކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތިބި "ފީކަޅާ" ބައެއްގެ ސަބަބުން "އެތަނުގެ އެންމެންނާ މެދު " ސުވާލު އުފައްދަން ނުޖެހޭ ކަމަށެވެ.

"ބަޔަކު އަމިއްލައަކަށް ނުފޫޒު ތަކެއްގެ ތެރެއިން، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތަކާ އެއްޗިހި ހިންގައިގެން، ހިނގާދިޔަ ކަންތައް ތަކަކާ ބެހޭގޮތުން ދިމާވި ކަމަކަށްޓަކައި ރައްޔިތުން ނުޖެހޭ އަދި ސުޕްރީމް ކޯޓާއި އެ ކޯޓުގެ އެންމެންނާ ސުވާލު އުފައްދާކަށް،" ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މައްސަލަ ދިމާވެގެން އުޅެނީ ސަރުކާރުން ގާނޫނާ ޚިލާފަށް ކަމެއް ކޮށްގެން ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމު ހަލަބޮލިކޮށް ގައުމު އިނދަ ޖައްސާލައިގެން ވެސް ވެރިކަމަށް އައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ތަކެއް ހިންގައިގެން ސުޕްރީމް ކޯޓުން ދުސްތޫރުގެ މައްޗަށް އަރައިގަނެފައިވާކަން އެނގޭކަމަށެވެ.

މިހާރު އުފެދިފައިވާ ހަލަބޮލި ކަމަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޝަރުއީ ކޯޓުތައް މެދުވެރިކޮށް ބަޣާވާތަކުން ވައްޓާލަން އުޅުމުން އުފެދިފައުވާ ހަލަބޮލި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ ސަލާމަތީ ބާރުތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ އެކަން ހައްލު ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ.

"ސަލާމަތީ ބާރުތަކަކީ ޣައިރު ގާނޫނީ އަމުރަށް ކިޔަމަންވާނެ ބައެއް ނޫން،" ޝިފާގު ވިދާޅުވިއެވެ.