ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި އަބަދުވެސް ނިންމުންތައް ނިންމާނީ ފުޓުބޯޅައިގެން މުސްތަގުބަލަށް ވިސްނައިފައި ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅަމުންދިޔަ ދަގަނޑޭ މިރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ރޭ ވަނީ ބޭރުކޮށްފައެވެ. ދަގަނޑޭ ބުނެފައިވަނީ އޭނާ ސްކޮޑުން ބޭރުކުރީ އިއްޔެގެ ޕްރި މެޗު ޕްރެސްއަށް ދިއުމަށް އިންކާރު ކުރުމުން ކަމަށާއި، އިތުރު ސަބަބެއް ކޯޗު ނުބުނާ ކަމަށެވެ.

ގައުމީ ސްކޮޑުން ރޭ ދަގަނޑޭ ބޭރުކޮށްފައި ވަނިކޮށް، ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރަމުންދިޔަ އަޑުބަރޭވެސް ވަނީ ގައުމީ ޓީމުން ރިޓަޔާ ކުރިކަމަށް މިއަދު އިއުލާންކޮށްފައެވެ.

"އަހަރެންގެ އުންމީދަކީ ބޫޓާން މެޗަށްފަހު ދަގަނޑޭގެ ގައުމީ ކެރިއަރާ މެދު ގޮތެއް ނިންމާނެ ކަމަށް. ނިންމުން ނިންމާނީ އަހަންނާ ދަގަނޑޭއާއެކު. އެކަމަކު ހަނދާން ކުރަން ޖެހޭނެ 100 ޕަސެންޓް ދޭ ކުޅުންތެރިން ބޭނުންވަނީ. އެހެން ނޫނީ ޒުވާން ކުޅުންތެރިންނަށް ޖާގަ ދޭން އަހަންނަށް ޖެހޭނެ،" ދަގަނޑޭގެ ގައުމީ ޓީމުގެ ކުރިމަގާ ގުޅިގެން ސެގަޓް ބުނެފައިވެއެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން ރިޓަޔާޑް ކީޕަރު އިންމަ (ކ) ކޯޗު ސެގަޓް އަދި ދަގަނޑޭ (ވ) -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެގަޓް މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިރޭގެ މެޗަށް ދަގަނޑޭ ތައްޔާރު ނޫން ކަމަށާއި، ދަގަނޑޭއަކީ މޮޅު މީހެއް ނަމަވެސް އޭނާގެ ނިންމުންތައް ނިންމާނީ ރާއްޖޭގެ ފުޓުބޯޅައިގެން މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.

"ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗަށް ތައްޔާރެއް ނޫން. ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށްޓަކައި އަހަންނާއި ދަގަނޑޭވެސް ނިންމަން ޖެހޭނީ އެންމެ ރަނގަޅު ގޮތަކަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ދަގަނޑޭއަކީ ވަރަށް މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއް. ގައުމީ ޓީމަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދެން. މި ހުރިހާ ކަމަކާއެކުވެސް ގައުމީ ޓީމުގެ މުސްތަގުބަލަށްވެސް އަހަންނަށް ވިސްނަން ޖެހޭ. އަހަރެން ބޭނުންވަނީ 100 ޕަސެންޓް ދޭން ތައްޔާރަށް ތިބި ކުޅުންތެރިން،" ކޯޗު ސެގަޓްގެ ބަޔާނުގައި ވެއެވެ.

ކޯޗުގެ ބަޔާނުގައި ބުނެފައިވަނީ މިރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ޓީމަށް ބަދަލުތަކެއް ގެންނަން ޖެހިއްޖެ ކަމަށާއި، އެއީ އޭނާވެސް އެންމެ ބޭނުން ކަންކަން ނޫން ކަމަށެވެ.

ގައުމީ ކެޕްޓަން އަޝްފާގު ސްކޮޑުން ބޭރުކޮށްފައިވާއިރު، މިރޭގެ މެޗުގައި ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނީ އަކުރަމް އަބްދުލްޣަނީ (އަކޫ) ކަމަށްވެސް ކޯޗު ސެގަޓްވަނީ ބުނެފައެވެ.

ދަގަނޑޭއަކީ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމާއެކު ކުޅުނު 78 މެޗުން 52 ގޯލް ކާމިޔާބުކޮށްދީފައެވެ.