ގައުމީ ޓީމާއެކު ކާމިޔާބީއަށް ވާސިލްވުމަށް، ކުޅުންތެރިން މިހާރަށްވުރެ ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ވަކިކުރުމާ ގުޅިގެން ކޯޗުގެ ބަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރުމަން ގޮސްފައިވާ އިރު، ކޯޗުވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

ސެގަޓްގެ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ މެޗަށް ދަގަނޑޭ ތައްޔާރު ނޫން ކަމަށާއި، ދަގަނޑޭއަކީ މޮޅު މީހެއް ނަމަވެސް އޭނާގެ ނިންމުންތައް ނިންމާނީ ރާއްޖޭގެ ފުޓުބޯޅައިގެން މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.

"ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗަށް ތައްޔާރެއް ނޫން. ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށްޓަކައި އަހަންނާއި ދަގަނޑޭވެސް ނިންމަން ޖެހޭނީ އެންމެ ރަނގަޅު ގޮތަކަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ދަގަނޑޭއަކީ ވަރަށް މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއް. ގައުމީ ޓީމަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދެން. މި ހުރިހާ ކަމަކާއެކުވެސް ގައުމީ ޓީމުގެ މުސްތަގުބަލަށްވެސް އަހަންނަށް ވިސްނަން ޖެހޭ. އަހަރެން ބޭނުންވަނީ 100 ޕަސެންޓް ދޭން ތައްޔާރަށް ތިބި ކުޅުންތެރިން،" ކޯޗު ސެގަޓްގެ ބަޔާނުގައި ވެއެވެ.

ސެގަޓް ބުނީ ރާއްޖޭގައި އޭނާ ހޭދަކުރި މަދު ދުވަސްކޮޅުގައިވެސް އެނގުނު އެއްޗަކީ ކާމިޔާބީއަށް ވާސިލްވުމުގައި މިހާރަަށްވުރެ ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށް ކަމަށެވެ.

"މިމަހުގެ 17 ވަނަ ދުވަހު ހުރިހާ ކުޅުންތެރިން ކައިރީގައިވެސް އަހަރެން ބުނި ގޮތަށް، އަހަރެން އިހުތިރާމް ކުރާނަން ދަގަނޑޭގެ ނިންމުމަށްވެސް. އަހަރެން ރާއްޖޭގައި ހޭދަކުރި މަދު ދުވަސް ކޮޅަށްފަހު އެނގުނީ ކާމިޔާބީއަށް ވާސިލްވުމަށް މިހާރަށްވުރެ ޕްރޮފެޝަނަލް ވާން އެބަޖެހޭކަން،" ސެގަޓް ބުނެފައިވެއެވެ.

ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ ރޭ ޓީމުން ބޭރު ކޮށްފައިވާކަމަށް ދަގަނޑޭ ބުނެފައިވާ އިރު، ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވަނީ މިއަދުގެ ވަގުތެއްގައި ގައުމީ ޓީމުން ރިޓަޔާ ކޮށްފައެވެ. މި ކަންކަމާ ގުޅިގެން ކޯޗު ބުނީ ހިނގާދިޔަ ކަންކަމަކީ ފަސޭހަ ކަންކަން ނޫން ކަމަށާއި މިރޭގެ މެޗަށް ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިއްޖެ ކަމަށެވެ.

"މިރޭ އަހަރެން މި ނުކުންނަނީ ގައުމީ ޓީމާއެކު ފުރަތަމަ ވާދަވެރި މެޗަށް. އުންމީދު ކުރަނީ މޮޅުވާން. އިއްޔެ ހިނގާދިޔަ ކަންތައްތަކަކީ އަހަރެންވެސް އެންމެ ބޭނުންވާ ގޮތަށް ދިޔަ ކަންކަމެއް ނޫން. ބޫޓާން މެޗަށްވެސް ގިނަ ބަދަލުތަކެއް ޓީމަށް ގެންނަން ޖެހިއްޖެ،" ސެގަޓްގެ ބަޔާނުގައި ވެއެވެ.

ސެގަޓް ބުނީ ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް ވަރަށް ހާއްސަ ކަމަކަށް ވާން ޖެހޭނެ ކަމަށާއި، އޭނާގެ ފިލޯސަފީގައި އެންމެ އިސްކަމެއް ދޭނީ ޑިސިޕްލިންއަށް ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށްވެސް ގައުމީ ޓީމަށް ކުޅުން ވާން ޖެހޭނީ ވަރަށް ހާއްސަ ކަމަކަށް. ގައުމީ ޓީމަށް ކުޅުމަކީ ގައުމުގެ ރައްޔިތުންނަށްތަކައި ކުޅުން. އަހަންނަކީ އިހުތިރާމް ކުރުމާއެކު ޑިސިޕްލިންއަށް ވަރަށް އިސްކަން ދޭނެ ކޯޗެއް. ޑިސިޕްލިންއަށްފަހު ޓެކްޓިކްސްއާ ކުޅުމުގެ ސިސްޓަމް އަންނާނީ،" ކޯޗު ބުނެފައިވެއެވެ.

ސެގަޓް ގައުމީ ޓީމާ ހަވާލުވެ ފުރަތަމަ ކުޅުނު މެޗުގައި ސިންގަޕޫރުގެ ކައިރިން ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ކެޕްޓަން ދަގަނޑޭ ނުކުޅުނީ އަނިޔާގެ ސަބަބުންނެވެ. މިއަދުގެ މެޗުގައި ދަގަނޑޭ ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ކުރިން ކޯޗު ބުނެފައިވާ އިރު، ޓީމު ރާއްޖެ އެނބުރި އައިސް ކުރި ފުރަތަމަ ފަރިތަކުރުމުގައިވެސް ދަގަނޑޭ ބައިވެރިވެފައިވެއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗު މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި އޮންނާނީ 9:00ގައެވެ.