އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝްތަރާރު ކަމަށް ޖޯން ބޯލްޓަން އައްޔަން ކުރުމަކީ އެމެރިކާއަށް ތޫފާނެއް އައުން ފަދަ ކަމެއް ކަމަށް އެމެރިކާ ކުރީގެ ރައީސް ޖިމީ ކާޓާ ވިދާޅުވެއްޖެ އެވެ.

ސީބީސީ އަށް އިއްޔެ ދެއްވި އިންޓަވިއުއްގައި ޖިމީ ވިދާޅުވީ މިއީ ޓްރަމްޕްގެ ޒައާމަތުގައި ނިންމި އެންމެ ނުރައްކާތެރި ނިންމެވުން ކަމަށެވެ.

ޖިމީ ކާޓާ ވަނީ 1977 - 1981 އަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު ފުރުއްވައިފަ އެވެ.

ޖިމީ ވިދާޅުވީ، ބްލްޓަން އަކީ ކުރިން އީރާނަށާއި އަދި އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ކެތްމަދުވެފައި ހުރި ބޭފުޅެއް ކަމަށެވެ. އެމެރިކާ އިން އިރާގަށް އަރައިގަން އިރު ވެސް، ބޯލްޓަން އެ ހަނގުރާމައަށް ފާޅުގައި ވަރަށް ބޮޑަށް ތާއިދުކުރެއްވި އެވެ.

ބޯލްޓަން އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ މަންދޫބަކަށް ހުންނެވި އިރު، އިސްރާއިލުން އިރާނަށް ކުއްލި ހަމަލާދީ ހަނގުރާމަ ފެށުމަށް ވެސް އޭނާ ވަނީ އިސްރާއިލުގެ އޭރުގެ ޑިފެންސް މިނިސްޓަރު ޝައުލް މޮފާޒް އަށް ބާރުއަޅުއްވައިފަ އެވެ.

އެމެރިކާ އާއި އުތުރުކޮރެއާއާ ދެމެދު މަޝްރަހު ވަރަށް ގޯސްވެފައިވާ އިރު، މަޝްރަހު ފިނިކުރުމުގެ ގޮތުން އުތުރުކޮރެއާއަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވަވަން ތައްޔާރަށް ހުންނެވި ކަމަށް ޖިމީ ވަނީ ވިދާޅުވެފަ އެވެ.

ޖިމީ ކާޓާ ކުރިން މަސަައްކަތްކުރެއްވީ އެމެރިކާގެ ގައުމީ ސަލާމަތީ މުޝްތަރާރުގެ މަގާމުގައި ހުންނެވި އެޗްއާރު މެކްމާސްޓާ އެކު އުތުރުކޮރެއާއަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް އެ ބައްދަލުވުން ކައިރިވެފައިވަނިކޮށް މެކްމާސްޓާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ބޯލްޓަން ގައުމީ ސަލާމަތާ ބެހޭ މުޝްތަރާރު ކަމުގެ މަގާމު ފުރުއްވަން ފައްޓަ ވާނީ އަންނަ މަހުން ފެށިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މޭ މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.