ޕްރެމިއާ ލީގުގައި ލީގުގެ އެއްވަނާގައިވާ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ނުކުތުމުގެ ކުރިން އެކުލަބަށް އަލަށް ގުޅުނު މިޑްފީލްޑަރު ސާމިރު ނަސްރީ އެ ކުލަބަށް ބަދަލުވީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ފާޑުކިޔައިފި އެވެ.

މެންސިޓީގެ ނަވާރަ ނަންބަރު ޖާޒީގައި ފެނިގެންދާނެ ނަސްރީވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 25 މިލިޔަން ޕައުންޑަށް އެ ކުލަބާއި ގުޅިފަ އެވެ.

މެންސިޓީއަށް ނަސްރީ ބަދަލުވީ ލީގު ހޯދައި ކާމިޔާބީ ހޯދުމަށްކަމަށް މިދިޔަ ހުކުރު ދުވަހު އޭނާ އެެހެން ބުނި ނަމަވެސް އެވާހަކަތައް ޓޮޓެންހަމްގެ ކޯޗްވަނީ ދޮގުކޮށްފަ އެވެ.

"މެންސިޓީއަކީ ބޮޑު ކުލަބެއް. މިދިޔަ ސީޒަނުގައި އެ މީހުން އެފްއޭ ކަޕްވެސް ކާމިޔާބުކުރި. އާސެނަލްއަށް މިދިޔަ ސީޒަނުގައި ލިބުނީ ކޮން ކާމިޔާބެއް؟ އެއްވެސް ކާމިޔާބެއް ނުލިބޭ. އަހަރެން މެންސިޓީ މިބަދަލުވީ ކާމިޔާބީ ހޯދަން،" މިދިޔަ ހުކުރު ދުވަހު ނަސްރީ ބުންޏެވެ.

"އަހަރެން ނަސްރީގެ އެ ވާހަކައެއް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން. އެހެން ނޫންނަމަ އޭނާ މެންޔޫއަށް ދާނެ. މެންޔޫއަށް ކުޅެން ބޭނުންވާ ވާހަކަ ނަސްރީގެ ފަރާތުން އަޑުއިވުން. ދެން އެ ހިސާބުން މެންސިޓީއިން ބޮޑު އަގެއްކީމަ އެދިޔައީ،" ރެޑްނެޕް ބުންޏެވެ.

ނަސްރީއަށް ޓޮޓެންހަމްގެ ކޯޗް ރެޑްނެޕް ފާޑުކީނަމަވެސް މެންސިޓީގެ ސްކޮޑް ޔޫރަޕް ޗެމްޕިއަން ބާސާގެ ސްކޮޑަށްވުރެ ވަރުގަދަކަމަށްބުނެ އެ ކުލަބަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދިދާނެ ކުލަބެއްކަމަށް ގަބޫލުކުރެއެވެ.

"މެންސިޓީއަށް ޗެމްޕިއަންސް ލީގު ތަށި ހޯދިދާނެ. އެއީ އެމީހުން މިހާރު އެ ހޯދަމުންދަނީ ދުނިޔޭގަ ތިބި އެންމެ މޮޅެތި ކުޅުންތެރިން. އ ެމީހުންގެ ޓީމުގައި މެސީއެއް ނެތްނަމަވެސް ބާސާގެ ސްކޮޑަށްވުރެ ވަރުގަދަ ސްކޮޑެއް އެބައޮތް. އެމީހުންގެ މިހާރުގެ ވެރިން އެކުލަބުގައި ހުރިނަމަ މި ސީޒަނުގެ ޕްރެމިއާ ލީގު ތަށިވެސް ހޯދިދާނެ،" ރެޑްނެޕް ބުންޏެވެ.

މެންސިޓީގެ ސްކޮޑުގެ ފޯވާޑް ލައިނަށް އެކަނި ބަލައިލނަމަވެސް ފެންނަނީ ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިންނެވެ. އަގުއެރޯ، ޓެވޭޒް، ސިލްވާ އަދި އެޑިން ޒެކޯ ހިމެނޭ ފޯވާޑް ލައިނުން މިސީޒަނުގެ ޕްރެމިއާ ލީގުގައި ކުޅުނު ދެމެޗުން ސިޓީ ވަނީ ހަތް ގޯލު ކާމިޔާބުކޮށްފަ އެވެ.