19:00


ސަރުކާރަށް ފާޅުގައި ފާޅުވިދާޅުވެ، ސަރުކާރަށް އެއްބާރުލުން ނުދެއްވާތީ، ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޤައުމީ އިއްތިހާދު ޕާޓީއާއެކު ސަރުކާރެއް ޤާއިމްކުރުމަށް ސޮއިކުރި އެއްބަސްވުން ބާތިލްވެއްޖެ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގަރާރަކުން ފާސްކޮށްފި އެވެ.


އެމްޑީޕީން ބުނީ މިއަދު ހަވީރު ބޭއްވި ގައުމީ މަޖިލީހަށް އެ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހެޅުއްވި އެ ޤަރާރުގައި، ޤައުމީ އިއްތިހާދު ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން ޤައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވާ ފަރާތްތައް ވަކިކުރުމަށް ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދެންނެވުމަށް އެ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.


އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ފާސްކުރީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެކިއެކި ޕާޓީތަކާ އިއްތިހާދުވީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ފޯރުކޮށްދޭން ކަމަށް ވީހިނދު، އެ އިއްތިހާދުގައި ހިމެނޭ ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރު އަދި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކުގެ ފަރާތުން، ހެޔޮ ވެރިކަމަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން، އެމްޑީޕީއަށް ނުލިބޭ ކަމަށް ޤައުމީ މަޖިލިހަށް ޤަބޫލުކުރެވުމާ ގުޅިގެން ކަމަށް އެމަޖިލީހުން މިއަދު ފާސްކުރި ޤަރާރުގައިވެ އެވެ.


އަދި އެއްވެސް އެއްބަސްވުމަކީ ހަމައެކަނި އެ އެއްބަސްވުމުގައި ޝާމިލްވާ އެއް ފަރާތުން އިޙްތިރާމްކޮށްގެން ދެމިއޮންނަންޖެހޭ އެއްބަސްވުމެއް ނޫން ކަމަށް ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ޤައުމީ މަޖިލީހުން މިއަދު ފާސްކުރި އެ ޤަރާރުގައިވާ ގޮތުން ޤައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކު އެ ޕާޓީއަށް އެއްބާރުލުން ނުދެއްވައި، ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް ފާޅުގައި ޢަމަލުފުޅުތައް ބަހައްޓަވައި، މީޑިއާގައި ދޮގު ވާހަކަތައް ފަތުރުއްވަވައި، އެ ޕާޓީގެ އަގުވައްޓާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ގެންދިއުމަކީ، ގައުމީ އިއްތިހާދު ޕާޓީއާއި އެމްޑީޕީއާ ދެމެދު ވެފައިވާ އެއްބަސްވުން، ގައުމީ އިއްތިހާދު ޕާޓީން އުވާލުން ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި އެ ޤަރާރުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް އިޤްރާރުވެފައި ވަނީ ”ޤައުމީ އިއްތިހާދު ޕާޓީއާ އެމްޑީޕީއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައި، ޤައުމީ އިއްތިހާދު ޕާޓީއަށް ނިޞްބަތްވާތީވެ، އެކިއެކި ފަރާތްތަކަށް ދީފައިވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން އެފަރާތްތައް ވަކިކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމަށް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.


މިކަމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއެއްގައި އެމްޑީޕީގެ ރައީސް އަދި ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ މިރޭ ވިދާޅުވީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ އަގުލައްބިއްޔަތުން ފާސްކޮށްފައިވާ އެ ޤަރާރު މާދަމާ ރައީސް ނަޝީދަށް ހުށަހަޅުއްވާނެ ކަމަށެވެ.