27 Mar 2018, 15:50
ޓީސީރީޒް މިޔުޒިކް ލޭބަލްގެ ބާނީ ގުލްޝަން ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު، 'މޮގުލް' އިއުލާނު ކުރިތާ އަހަރެއް ފަހުން އެ ފިލްމަށް އަކްޝޭ ކުމާރު ނޫނެކޭ ބުނެފި އެވެ.
'މޮގުލް' އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. ފިލްމު އިއުލާނު ކުރި އިރު ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ފަންނާނެއްގެ ގޮތުގައި ނިންމާފައި އޮތީ އަކްޝޭ އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ރިލީޒް ކޮށްފައި ވާއިރު، ޕޯސްޓަރުގައި އަކްޝޭގެ ފޮޓޯ ޖަހައިފައި ނުވި ނަމަވެސް، އަކްޝޭގެ ނަން ފަވާލައިފައިވެ އެވެ.
ޑައިރެކްޓަރާ ޖެހުނު މައްސަލައެއްގައި އަކްޝޭ ފިލްމު ދޫކޮށްލި ކަމަށް މީގެކުރިން ވެސް ވާހަކަތައް ދެކެވުނެވެ. ނަމަވެސް އޭރު އަކްޝޭ އަދި ޑައިރެކްޓަރު ސުބާޝް ކަޕޫރު އާއި ޕްރޮޑިއުސަރު ބުޝަން ކުމާރު ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ނަމަވެސް އަކްޝޭ މިހާރު ފިލްމު ދޫކޮށްލާފައިވާ ކަން މިވަނީ ކަށަވަރުވެފަ އެވެ. އަކްޝޭ ވަނީ ފިލްމަށް ސޮއިކުރި އިރު ދިން މުސާރަ ވެސް ޕްރޮޑިއުސަރުންނަށް އަނބުރާ ދީފަ އެވެ. ޚަބަރުތައް ބުނާ ގޮތުން އަކްޝޭ އެ ފިލްމު ދޫކޮށްލީ ސުބާޝް އާއި ދެމީހުންނަށް އެއް ގަލަކަށް ނޭރުމުންނެވެ.
އަކްޝޭގެ މި ނިންމުމާ ގުޅިގެން ބުޝާން ކުމާރު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށާއި އަދި އަކްޝޭ އަށް ވުރެ ފުންނާބު އުސް ފަންނާނެއް އެ ރޯލަށް ހަމަޖައްސާނެ ކަމަށް ބުނެ އަކްޝޭ އަށް ޗެލެންޖު ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
"މިއީ އަހަރެންގެ ބައްޕަގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް. އެހެންވީމާ މިއީ އަހަންނަށް ވަރަށް މުހިންމު ފިލްމެެއް. ވަރަށް އަވަހަށް ފިލްމުގެ ލީޑު އެކްޓަރު ހަމަޖައްސައި އެކަން އިއުލާނު ކުރާނަން. އެއީ އަކްޝޭ އަށް ވުރެ ފުންނާބު އުސް އެކްޓަރަކަށް ވުން އެކަށީގެންވޭ،" ބުޝަން ބުނެފައިވެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ބުޝަން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ފިލްމަށް ސަލްމާން ޚާން އަދި އާމިރު ޚާންގެ އާނ ބަސް ހޯދުމަށެވެ. އެގޮތުން އޭނާ އާއެކު ފިލްމު ޕްރޮޑިއުސް ކުރުމަށް އާމިރުގެ ކިބައިން އެދިފައިވާ ކަމަށާއި ފިލްމުގެ ލީޑު ރޯލަށް ސަލްމާން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެ އެވެ.
މި އަހަރު ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ފިލްމުގެ ކާސްޓަށް މި ދިމާވި މައްސަލައިގެ ސަބަބުން ދެން ފިލްމު ރިލީޒް ކުރެވޭނީ އަންނަ އަހަރު ކަމަށް ލަފާކުރެވެ އެވެ.