27 Mar 2018, 15:53
ލަންޑަން(27 މާޗް)- އެމެރިކާއިން ރަޝިއާގެ 60 ޑިޕްލޮމެޓުން ބޭރުކޮށްލުމަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ޕާލަމަންްޓް މެމްބަރު ޖޯޖް ގެލޮވޭ ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ވަނީ އެގައުމުގެ ސިއާޓަލްގައި ހުންނަ ރަޝިއާގެ އެމްބަސީވެސް ބަންދުކުރުމަށް ނިންމައިފައެވެ.
ދާދި ފަހުން ރަޝީއާގެ ކުރީގެ ޖާސޫސީ އޭޖެންޓަކަށް ވިހައެއް ބޭނުންކޮށްގެން ދިން ހަމަލާއަށް ފަހު އިނގިރޭސިވިލާތުން ވަނީ އެގައުމުގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާގެ 23 ޑިޕްލޮމެޓުން ވެސް ބޭރުކޮށްލައިފައެވެ. އިނގިރޭސިވިލާތާ އެއްފަދައިން އަމަލުކުރި އީޔޫގެ އެހެން ގައުމުތަކަކީ އެމެރިކާއާ އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުތަކެއްގެ ގޮތުގައި ގެލޮވޭ ވަނީ ސިފަކުރައްވައިފައެވެ.
އެ މައްސަލައިގައި ރަޝިއާއިން މާ ބޮޑަށް އަޅާނުލައި ދޫކޮށްލުމަކީ މައްސަލައަށް އޮތް ހައްލެއްކަމަށް ދުށުމަކީ ކުށްހީއެއް ކަމަށްވެސް ގެލޮވޭ ވިދާޅުވިއެވެ.
ވިިހައިގެ ހަމަލާގެ މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް އިނގިރޭސވިލާތުން ނުކުރާ ކަމަށާއި އަދި ތަހުގީގު ފެށުމުގެ ކުރިންވެސް ރަޝިއާގެ ބޮލުގައި އިލްޒާމް އަޅުވައިފައިވާ ކަމަށް ގެލޮވޭ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ރަޝިއާގެ އަތެއް ނުވާކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގެލޮވޭ ވިދާޅުވިއެވެ.
ރަޝިއާގެެ ކުރީގެ ޖާސޫސް ސާޖައި ސްކްރިޕަލް އަދި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާއަށް ނާވް އޭޖެންޓެއް ބޭނުންކޮށްގެން ހަމަލާދީފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ހަމަލާއަށްފަހު ދެމީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ.
މަސްދަރު: އާރުޓީ