ބޮލީވުޑް އަކީ އެއް އިރެއްގައި ވެސް ޓާގެޓް ނޫން ކަމަށާއި، އަބަދުވެސް އިސްކަން ދެނީ ޕާކިސްތާން ފިލްމު އިންޑަސްޓްރީއަށް ކަމަށް ޕާކިސްތާނުގެ ކާމިޔާބު އެކްޓަރު މާހިރާ ޚާން ބުނެފި އެވެ.

ޕާކިސްތާންގެ އިތުރުން އިންޑިއާގެ ގިނަ ބައެއްގެ ލޯބި ވެސް ހޯދައިފައިވާ މާހިރާ ބޮލީވުޑަށް ތައާރަފުވީ ބޮލީވުޑް ރަސްގެފާން، ޝާހްރުކް ޚާން އާއެކު ފިލްމު 'ރައީސް' އިންނެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް އެ ފިލްމާ އެކު މާހިރާއަށް ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްލެވޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ.

ނަމަވެސް ފިލްމު ރިލީޒް ނުކުރެވި އުޅެނިކޮށް، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ، ޕާކިސްތާން ފަންނާނުން އިންޑިއާއިން ބޭރުވާން އަމުރު ކުރި އެވެ. އަދި ޕާކިސްތާނު ފަންނާނުން އިންޑިއާގައި މަސައްކަތް ކުރުން ވެސް މަނާކުރި އެވެ.

އެ ނިންމުމާ ގުޅިގެން ޕާކިސްތާނުގައި 'ރައީސް' ރިލީޒް ނުކުރެވުނު އިރު އިންޑިއާގައި ފިލްމު ޕްރޮމޯޓު ކުރުމުގެ ފުރުސަތު ވެސް މާހިރާ އަށް ގެއްލިގެން ދިޔައެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި މާހިރާ ބުނީ އެކަމާ ގުޅިގެން އޭނާ ވަރަށް ބޮޑަށް ރުޅި އައިސް ދެރަވި ކަމަށާއި، އަމިއްލަ މީހާ އަށް ވަރަށް ބޮޑު މާޔޫސްކަމަކާއި ހިތްދަތިކަމެއް ކުރިމަތިވި ކަމަށެވެ.

"ނަމަވެސް ފަހުން ވިސްނުނު ރުޅި އައިސްގެން އަހަންނަށް ފައިދާއެއް ނުކުރާނެކަން. އަދި އެކްޓަރެއްގެ ގޮތުގައި މާބޮޑު ކުރިއެރުމެއް ނުލިބޭނެކަން. އެހެންވީމަ މިހާރު އެ ރުޅިވެރިކަމެއް ހިތުގައި ނެތް. އެކަން ނިމިއްޖެ،" މާހިރާ ބުންޏެވެ.

ޝާހު އާއެކު ފިލްމެއް ކުޅުމުގެ ނަސީބު ލިބި، ނަމަވެސް އެކަމުން ލިބެންޖެހޭ ފުރިހަމަ އުފަލާއި ހިތްހަމަޖެހުން ނުލިބުނު އިރު، އެކަމުން އޭނާގެ ކެރިއަރަށް ހުރަސް އެޅުނުތޯ ރިޕޯޓަރު ވަނީ ސުވާލުކޮށްފައެވެ.

"ބޮލީވުޑް އަކީ އެއް އިރެއްގައި ވެސް އަހަރެންގެ ޓާގެޓެއް ނޫން. އަހަރެން ދުވަހަކުވެސް ކުރަން ހިތުލައިގެން ހުރިކަމެއް ނޫން އެއީ. އަބަދު ވެސް އިސްކަން ދެނީ، އަދި ކުރިއަށް ދާން ބޭނުން ވަނީ ވެސް ޕާކިސްތާން ފިލްމު އިންޑަސްޓްރީގައި،" ޖަވާބުގައި މާހިރާ ބުނެފައިވެ އެވެ.

ނަމަވެސް ހާލަތު އެގޮތަށް ދިމާނުވިނަމަ އިތުރު ބޮލީވުޑް ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ލިބުނީސް ކަމަށް މާހިރާ ބުންޏެވެ.

'ރައީސް'ގެ މަސައްކަތް ނިމުނުތަނާ މާހިރާ ވަނީ ޕާކިސްތާން ފިލްމެއްގެ މަސައްކަތް ވެސް ފަށައިފައެވެ. މާހިރާ ބުނީ އޭނާގެ ވިސްނުން މިހާރު ހުރީ ޕާކިސްތާން ފިލްމު އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ.