ހައިރައިޒުން އިންތިޒާމުކޮށްގެންދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އޮންލައިން ވޯޓިންގް ފަށައިފި އެވެ.

މިއަހަރު ސެޕްޓެމްބަރު މަހު މުމްބާއީގައި ބާއްވާ ސަޓާ އެވޯޑްސް 2018 އަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފަ އެވެ.

ހައިރައިޒްގެ މާކެޓިންގް މެނޭޖަރު މާއިޝާ ޝުޖާއު "ސަން"އަށް ވިދާޅުވީ ޖޫން 30ގެ ނިޔަލަށް އޮންލައިން ވޯޓިންގް ކުރިއަށް ދާނެ ކަމަށެވެ.

އޮންލައިން ވޯޓިންގް މަރުހަލާގައި ކޮންމެ މީހަކަށް ވެސް ވޯޓު ލެވޭނެ އެވެ. އޮންލައިން ވޯޓިންގް ކުރިޔަށް ދާނީސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.

މާއިޝާ ވިދާޅުވީ އޮންލައިން ވޯޓިންގްއަށް ފަހު، ސަޓާ އެވޯޑަށް ވާދަކުރާ ފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުމާއި އިވެލުއޭޝަންގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މިފަހަރު ސަޓާގައި ފަސް ގައުމަކުން ވާދަކުރޭ. އެއީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ނޭޕާލް އަދި ބޫޓާން. ޖަޖުންގެ ޕެނަލުން ފަސް ގައުމަށް ގޮސް، އެގައުމަކުން ވާދަކުރާ ފަރާތްތަކުގެ ޕްރެޒެންޓޭޝަން ބަލައި، އިވެލުއޭޓު ކުރާނެ،" މާއިޝާ ވިދާޅުވި އެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިންވަނަ އަހަރެވެ. އެންމެ ފުރަތަމަ ސަޓާ އެވޯޑްސް ބާއްވާފައި ވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ ކޮލޮމްބޯގަ އެވެ. އަދި 2017 ވަނަ އަހަރު ސަޓާ އެވޯޑްސް އޮތީ ރާއްޖޭގެ އައްޑޫ ސިޓީގަ އެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް، އިންޑިއާ
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން