ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ އިއުލާންކޮށްފިއެވެ.

އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ އޭނާގެ ޓްވިޓާ އެކައުންޓުގައެވެ. އަޑުބަރޭގެ ބަހެއް ލިބިފައިނުވާތީ ކުއްލިގޮތަކަށް ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލި ސަބަބެއް އަދި ނޭނގެއެވެ.

އެކަމާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަދި ރަސްމީކޮށް އޭނާ އަންގާފައި ނުވާ ކަމަށެވެ.

ދެހާސް ހަވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ސީނިއާ ކެރިއަރު ފެށި، އަޑުބަރޭ ވަނީ 2009 ވަނަ އަހަރު ވީބީ އައްޑޫ އެފްސީއަށް ބަދަލުވެފައެވެ. އެ ކްލަބުގައި ވިދާލާ އަޑުބަރޭ ގައުމީ ޓީމުން ޖާގަ ހޯދީ 2007 ވަނަ އަހަރުގައެވެ. ގައުމީ ޓީމަށް މުހިންމު ރޯލެއް އަދާކުރި އަޑުބަރޭ ވަނީ މިހާތަނަށް ގައުމީ ޓީމާއެކު 52 މެޗު ކުޅެފައެވެ.

އަޑުބަރޭ 2015 ވަނަ އަހަރު ފެނުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި އޭނާ ހޭދަކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައެވެ. އެ ސީޒަންގައި އޭނާ ވަނީ މާޒިޔާއާއެކު މާލޭ ލީގުވެސް އުފުލާލައިފައެވެ.

މި ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އަންނަ އަޑުބަރޭއަކީ އެޓީމުގެ ކެޕްޓަނެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަޑުބަރޭ ރިޓަޔާ ކުރިކަން އިއުލާންކޮށްފައި މިވަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ވަކިކުރިކަން ކޯޗު ޕީޓާ ސެގަޓް އޭނާއަށް އެންގިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

ދަގަނޑޭ 'ސަން ސްޕޯޓްސް'އަށް ބުނެފައިވަނީ އޭނާ ޓީމުން ވަކިކުރީ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުމުވުން ކަމަށް ކޯޗު ސެގަޓް އަންގާފައިވާ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗާ ގުޅިގެން އިއްޔެ ދިން ޕްރެސްގައި ބައިވެރިވެފައިވަނީ ކޯޗު ސެގަޓް އަދި އަޑުބަރޭއެވެ. އިއްޔެގެ ޕްރެސްގައި ކޯޗު ސެގަޓް ވަނީ އަޑުބަރޭގެ "ކެރެކްޓާ"އަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ.