27 Aug 2011, 13:08
ސައުތު ކޮރެއާގެ ޑޭގޫގައި މިހާރު ކުރިޔަށްދާ އައިއޭއޭއެފް ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ދެ އެތުލީޓުގެ ތެރެއިން ޝިފާޒް މުހައްމަދު މިއަދު ދުވާނެ އެވެ.
މުބާރާތުގައި ޝިފާޒް މުޙައްމަދު ވާދަކުރާނީ ފިރިހެނުންގެ 800 މީޓަރު ދުވުމުގަ އެވެ.
ސިފާޒްގެ އިތުރުން މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދެ ވަނަ އެތުލީޓަކީ އަފާ އިސްމާޢީލް )ފޮޓޯ( އެވެ. އެގޮތުން މުބާރާތުގައި އަފާ ވާދަކުރާނީ އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރާއިރު، އޭނާ އަކީ ނިމިގެން ދިޔަ ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަންހެނުންގެ 200 މިޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އައުކޮށްފައިވާ ދުވުން ތެރިއެކެވެ.
އަފާ ގައުމީ ރިކޯޑް އައުކޮށްފައިވަނީ 200މ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް 26.09 ސިކުންތުން ދުވުން ނިންމައިގެނެވެ.
ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ކުރީގެ ރިކޯޑަކީ 12 އަހަރު ކުރިން 1999 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގައި ޝަމްހާ އަޙްމަދު ދުވެފައިވާ 26.25 ސިކުންތުގެ ރިކޯޑެވެ.
ކޮރެއާގެ ޑޭގޫގައި ކުރިޔަށްދާ އައިއޭއޭއެފް ވާލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށްފަހު ރާއްޖޭގެ ދެ އެތުލީޓުން މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަދުވަހު އެވެ.